English Edition
Dhivehi Edition
ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާންގެ ރޭލު ސްޓޭޝަނެއް.

ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއި އެކު ފުރަބަންދުކުރި ޗައިނާގެ ހުބޭ ޕްރޮވިންސް ހުޅުވާލަން އެ ގައުމުން ނިންމައިފިއެވެ. ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މާދަމާ ހުބޭ ޕްރޮވިންސް ހުޅުވާލާނެއެވެ.

58.5 މިލިއަން މީހުން ދިރިއުޅެމުންދާ ހުބޭ ޕްރޮވިންސް ހުޅުވާލި ނަމަވެސް އެ ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީ ހުޅުވާލާނީ އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ވޫހާން ސިޓީ އަކީ އެންމެ ފުރަތަމަ ކޮވިޑް19 ކޮރޯނާ ވައިރަސް ފެނުނު ސިޓީއެވެ.

ކޮވިޑް19 ޗައިނާގައި އެންމެ ބޮޑަށް ފެތުރުނު ހުބޭ ޕްރޮވިންސް ހުޅުވާލާއިރު، ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާ އިން ކުރި “ހަނގުރާމަ” ކާމިޔާބުވެއްޖެ ކަމަށް އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ. އަދި ހުބޭ ޕްރޮވިންސްގެ އިތުރުން ވެސް ޗައިނާގެ އެހެން ސަރަހައްދުތަކުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް މިހާރު ދަނީ އުވާލަން ފަށާފައެވެ.

ޗައިނާއިން މިހާރު ކޮވިޑް19 ގާތްގަނޑަކަށް ކޮންޓްރޯލްކޮށްފައި ވާއިރު އެ ވައިރަހަށް އެ ގައުމުން ޕޮޒިޓިވްވާ ގިނަ މީހުންނަކީ އެހެން ގައުމުތަކުގައި ތިބެފައި ޗައިނާއަށް އެތެރެވާ މީހުންނެވެ. އެހެންވެ ޗައިނާ ސަރުކާރުން ވަނީ އެ ގައުމަށް އެތެރެވާ އެންމެން ކޮވިޑް19 އަށް ޓެސްޓް ކުރަން ނިންމާފައެވެ.

ކޮވިޑް19ގެ ބަލާއާފާތް އެންމެ ފުރަތަމަ ފެތުރުނު ޗައިނާ އާންމު ހާލަތަކަށް ބަދަލުވާން ފަށާފައިވާއިރު ގިނަ ވިޔަފާރިތައް ވެސް މިހާރު ވަނީ ހުޅުވަން ފަށާފައެވެ. އެގޮތުން އެ ގައުމުގެ ސިނަމާތައް ވެސް އަލުން ހުޅުވަން ފަށާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޗައިނާއިން ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅަކީ، ވައިރަސް ފެތުރެން ފެށި ވުހާން ސިޓީ ހިމެނޭ ހުބޭ ޕްރޮވިންސް ފުރަބަންދު ކުރުމެވެ. ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައި ހުބޭ ޕްރޮވިންސް ފުރަބަންދު ކުރުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެން ނަމަވެސް ޗައިނާއަށް ފާޑުކިޔުން އަމާޒުކުރި ގިނަ ގައުމުތަކުން މިހާރު ދަނީ އެ ގައުމުތައް ވެސް ކޮވިޑް19 އިން ރައްކާތެރި ކުރުމަށް ފުރަބަންދު ކުރުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ޗައިނާ އިން މިހާތަނަށް 81553 މީހުންނަށް ކޮވިޑް19 ވަނީ ޖެހިފައެވެ.