English Edition
Dhivehi Edition

ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ހުނަރުވެރި ކުޅުންތެރިޔާ ސަޑިއޯ މާނޭ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް މޫސާ ސިސޯކޯ ބުނެފި އެވެ.

ފްރާންސްގެ ގައުމީ ޓީމާއި އެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ސިސޯކޯ ބުނެފައިވާ ގޮތުގައި މާނޭގެ ކުޅުމުގެ ސްޓައިލް އަކީ ޒިދާން އަށް ކަމުދާ ސްޓައިލެކެވެ.. އެހެންވެ ލިވަޕޫލްގެ ސަލާހަށް ވުރެ މާނޭ ރެއާލް އާއި ގުޅުމުގެ ފުރުސަތު ބޮޑުކަމަށް ސިސޯކޯ ވަނީ ބުނެފައެވެ.

ލިވަޕޫލުން މާނޭ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުއެވެ. އަދި ލިވަޕޫލްގެ ކާމިޔާބީތަކުގައި މާނޭގެ ހިއްސާބޮޑު ކަމުން އެ ކްލަބުން އޭނާ ދޫކޮށްލަން އެއްބަސްވާނެ ކަމަށް ނުބެލެވެއެވެ.

ރެއާލް މެޑްރިޑުން މާނޭ ގެންދަން މަސައްކަތް ކުރާކަމުގެ އަޑުގަދަވެފައި ވާއިރު އެޓީމަށް މި ފަހަރުގެ ޓްރާންސްފަރ ވިންޑޯގައި އެޓޭކަރެއް ހޯދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މާނޭ އާއި ބެހޭގޮތުން ލިވަޕޫލާއި ރެއާލް މެޑްރިޑުން ވަކި އެއްޗެއް ރަސްމީކޮށް ބުނެފައި ނުވެއެވެ.

ލިވަޕޫލާ އެކު މާނޭ މިދިޔަ ސީޒަނުގައި ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމާއި މި ސީޒަނުގެ ޔޫއެފާ ސުޕަރ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މާނޭ މިދިޔަ ސީޒަނުގައި ލިވަޕޫލަށް 30 ގޯލު ކާމިޔާބުކޮށްދިން އިރު މި ސީޒަނުގެ މިހާތަނަށް ވަނީ 18 ގޯލު ޖަހައިފަ އެވެ.