English Edition
Dhivehi Edition

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތަަށް މިދިޔަ ޖެނުއަރީ މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތަފްސީލްގައި ބުނީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފާސްކުރި ގެތަކުން ނުވަ ކިލޯ އަށް ވުރެ ގިނަ ޑަޔަމޯފިން އާއި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިންގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތައްވެސް ކުށުގެ ވެށިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ:

1- އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫ (24 އަހަރު، ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ރެކޯޑް)

2- އަހުމަދު ސުނައިން- އިރުމަތީގެ ގދ. ހޯނޑެއްދޫ (23 އަހަރު، މާރާމާރީގެ ރެކޯޑް)

3- އަލީ ޒުބައިރު- ގުލޭނޫރަންމާގެ ގދ. ހޯނޑެއްދޫ (50 އަހަރު، މަސްތުވަތާކެތި، ވައްކަމުގެ ރެކޯޑް)

4- ހުސައިން ޒަހީން- މަތަރަސްމާގެ، ލ. ކަލައިދޫ (25 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)

5- އަސްލަމް ނާޒިމް- މއ. ވައިލެޓްމާގެ، މާލެ (37 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)

6- އިސްމާއިލް ވިޝާލް- މ. ދާރުލްގަރާރު، މާލެ (25 އަހަރު، މަސްތުވާތަކެތި، އަމުރަށް ނުކިޔަމަންތެރިވުން)

7- އަހުމަދު އިމްސާހް- މިސްކިތްދޮށުގެ، ޅ. ނައިފަރު (32 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)

8- އަހުމަދު ޣިޔާސް- މެޑްރިޓް ހައުސް، ގދ. ހޯނޑެއްދޫ (25 އަހަރު)

9- މުހައްމަދު ސިދުރަތު- ސުރައްޔާމަންޒިލް، ގއ. ގެމަނަފުށި (27 އަހަރު)

މި މައްސަލައިގައި ހައްޔަރުކުރި 7 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންނަށްވާއިރު ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ސިދުރަތާއި މުހައްމަދު ގިޔާސްއަކީ އެއްވެސް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށް، މުހައްމަދު ސިދުރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުއަރީ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ދޫކޮށްލި ސިދުރަތުއަކީ ގާނޫނީ ވަކީލެކެެވެ.