English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ކޮވިޑް19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ އަމަލުތަކާއި ހުރި ގޮތުން ބޮލީވުޑްގެ ތަރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ، މިހާރު ލަކްނޯގޭ ސަންޖޭ ގަންދީ ޕޯސްޓް ގްރެޖުއޭޓް އޮފް މެޑިކަލް ސައިންސްގައި ފަރުވާދެމުން އަންނަ ކަނިކާވަނީ އޭނާ ދަތުރުކުރި ގައުމުތަކާއި އޭނާ ދިޔަ ތަންތަންވެސް ސިއްރުކުރަން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ކަރަންޓީންކުރުމަށްވެސް ގަދަކަމުން އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނު އިރު އޭނާ ފިލާފާނެކަމުގެ ބިރަށް މިހާރު ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

ކަނިކާ މީގެ ދެ ދުވަސްކުރިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބަލިވެ އުޅޭތާ ހަތަރު ދުވަސް ވެއްޖެކަމަށާއި ޓެސްޓުކުރިއިރު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެފައިވާއިރު، ކަނިކާގެ ގާތް ފަރާތަކުން ބުނީ ކަނިކާ ލަންޑަނުން މުމްބާއީ އަށް އައި އިރުވެސް ބަލިވެ އުޅޭ ކަމަށެވެ. އަދި މުމްބާއީ އިން ލަކްނޯއަށް ގޮސް އެ ތަނުގައި ކަނިކާ ޕާޓީކޮށްފައިވާކަމަށް އޭނާގެ ގާތް ފަރާތަކުން ބުނެފައިވާއިރު އެ ޕާޓީއަށް އިންޑިއާގެ ޔޫޕީ ހެލްތު މިނިސްޓަރު ޖެއީ ޕްރަތާބް ސިންގާއި އެކު އިތުރު ވީއައިޕީންތަކެއް ވެސް ބައިވެރިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ކަނިކާ ކޮވިޑް-19 އަށް ޕޮސިޓިވްވުމާއި އެކު ލަކްނޯ ގައި ދިރިއުޅެމުންދާ ގެއާއި ޕާޓީކުރި ސަރަޙައްދުތައް ބަންދުކޮށް، އުއްތަރު ޕްރަދޭޝް ސަރުކާރުންވަނީ ކަނިކާ އާއި ދެކޮޅަށް ޖިނާޢި ތަޙުޤީޤުހިންގުމަށް ޕޮލިހަށް އަންގާފައެވެ.

ކަނިކާގެ ދިޔަ ހަތަރު ޕާޓީއަށް ދިޔަ މީހުންވެސް މިހާރު ކަރަންޓީންކޮށްފައިވާއިރު އޭނާގެ ފަރުވާކުޑަ ކަމުން ގިނަ ބަޔަކަށް މި ބަލި ފެތުރިގެން ހިގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މީގެއިތުރުން އޭނާ އަށް ފަރުވާދެމުން އަންނަ ނަރުހުންނާއި ޑޮކްޓަރުންނަށް އެއްބާރުލުން ނުދޭ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މިހާރުވެސް ހޮސްޕިޓަލުގައި އޭނާއަށް ވީއައިޕީ ފެންވަރުގެ ހިދުމަތްތަކެއް ދެމުން އަންނައިރު ކަނިކާވަނީ ހޮސްޕިޓަލުން އޭނާއަށް އަޅާނުލާކަމަށް ބުނެފައެވެ. އަދި އޭނާ ފެންބޯން ބޭނުންވިޔަސް ބޯން ބޭނުންވާ ވަރަށް ފެން ނުދޭކަމަށާއި އޭނާ ކާން ގެނައި ކާއެއްޗެހިވެސް ހޮސްޕިޓަލުން ނަގާ އެމީހުން އޭނާއަށް ކާންދެނީ ހޮސްޕިޓަލްގެ މީހުން ބޭނުން އެއްޗެއް ކަމުގައި ކަނިކާވަނީ ބުނެފައެވެ. އަދި އޭނާއަކީ ބައެއްކަހަލަ ކާތަކެއްޗަށް އެލާޖިކްވާ މީހެއްކަން ފާހަގަކުރަމުން އޭނާވަނީ ހުންވެސް ރަގަޅުނުވާކަމުގެ ޝަކުވާތައް ކޮށްފައެވެ.