English Edition
Dhivehi Edition

ޔުވެންޓަސްގެ ޕަބްލޯ ޑިބާލާއަށް ވެސް ކޮވިޑް19 ޖެހިފައިވާ ކަން އެ ޓީމުން ހާމަކޮށްފިއެވެ. ޑިބާލާ އަށް ކޮވިޑް19 ޖެހުނުއިރު މިއީ އެ ޓީމުން ކޮވިޑް19 ޖެހުނު 3 ވަނަ ކުޅުންތެރިޔާއެވެ.

ޑިބާލާ ވަނީ ޓްވިޓަރގައި އާއްމުކުރި ޕޯސްޓެއްގައި އޭނާ އާއި ލޯބިވެރިޔާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ. އިޓަލީގެ ނޫސްތައް ބުނާ ގޮތުގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި ނަމަވެސް ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާގެ ކިބައިން އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.

ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން ޑިބާލާގެ އިތުރުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ޑިފެންޑަރ ރުގާނީ އާއި މިޑްފީލްޑް ކުޅުންތެރިޔާ މަޓުއީޑީއެވެ.

އެންމެ ފުރަތަމަ ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވީ ރުގާނީ އެވެ. ރުގާނީ ޕޮޒިޓިވްހި ހިސާބުން މަޓުއިޑީ ހިމެނޭ ގޮތަށް ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކަރަންޓީނުގަ އެވެ.

ޑިބާލާ ކޮވިޑަށް ޕޮޒިޓިވް ވުމާއި އެކު އިޓާލިއަން ސެރިއާގައި އެ ވައިރަހަށް ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ. ކޮވިޑް19 އެންމެ ހަލުވި ކަމާއި އެކު ފެތުރެމުންދާ އިޓަލީގެ ސެރިއާ ވެސް އޮތީ އެ ވައިރަހާއި ގުޅިގެން މިވަގުތު މެދު ކަނޑާލާފައެވެ.

ދާދި ފަހުން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވަނީ އިޓާލިއަން ލީގު މޭ 2 ވަނަ ދުވަހު އަލުން ފަށައި އެންމެ ލަސްވެގެން ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދިވެސް އިޓަލީގެ ހާލަތު ރަނގަޅުވާނެ ކަމުގެ އަލާމަތެއް ނުފެންނާތީ އެ ތާރީޚުގައި ލީގު ފެށިދާނެ ކަމަކަށް ނުބެލެވެއެވެ.