English Edition
Dhivehi Edition

ނޯޓް: މިއީ އަމިއްލަ ދިރިއުޅުމުގައި ހިތި ތަޖުރިބާ ތަކެއްކޮށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާލިބި އެކަމުން އަރައި ނުގަނެވި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތެއްގެ އަމިއްލަ ޙަޔާތުގެ   މައްޗަށް ބިނާކޮށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ. 

މީހުން ބުނާތީ އަހަމެވެ. އަންހެނުންނަށް އަނިޔާ ނުކުރާށެވެ. އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. އަޅާލާށެވެ. އަޅާލުން ދިން ވަރަކަށް އެމީހުން ހެޔޮވާނެއެވެ. އޯގާތެރި ވާނެއެވެ. މިއީ އަހަރެން ގަބޫލު ކުރާ ފަލްސަފާއެވެ. މީހަކާ އިން އިރުވެސް އަހަރެންގެ ހިތުގައި މިނޫން އެއްޗެއް ނެތެވެ.

އަހަރެންނަކީ މާލޭގައި ގެދޮރުހުރި ތަނަވަސް މީހަކީމެވެ. އަހަރެންގެ ޢާއިލާއިން ލިބުނުހާވެސް އެއްޗަކީ ތަނަވަސް ކަމެވެ. މައިންބަފައިން ދުނިޔެ ދޫކޮށްފައިވާއިރު ގާތްތިމާގެ ބަޔަކުވެސް އަޅާލާ ހިސާބަކު ނެތެވެ. މިއީ ހަރުދަނާ އަންބަކު ހޯދަން އަހަރެން އަތުކުރި އޮޅާލަން ޖެހުނު އެންމެ މުހިއްމު އެއް ކަމެވެ.

ރާއްޖޭގައި ވަރި ގިނަވެ ޢާއިލީ މައްސަލަތައް އިންތިހާއަށް ބޮޑު ވެފައިވާތީ އަހަރެން ގަސްތު ކުރީ ގެވެހި އަންބެއް އިންޑިޔާއިން ހޯދުމަށެވެ. އަތްފުނާ އަޅަމުން ގޮސް މިކަން ކާމިޔާބު ކޮށްފީމެވެ. އަހަރެން ކައިވެނިކުރިއިރު ޢުމުރަކީ 30 އަހަރެވެ. އޭރު އަންހެނުންނަށް ވީ އެންމެ 22 އަހަރެވެ.  އަހަރެން ގަސްތު ކުރީ އިންޑިއާ ގައި ދިރިއުޅުމަށެވެ.

ބަލާކަށްނުހުރެ ކެރެލާއިން ގެއެއް ގަނެފީމެވެ. ގެ ރަޖިސްޓްރީވެސް ކުރީ އަންހެނުން ގެ ނަމުގައެވެ. އަހަރެމެން ދެމަފިރީންނަށް ދެ ކުދީން ވަނީ ލިބިފައެވެ. އެހާ ހިސާބުން އަނެއްކާވެސް އޭނާގެ އެދުމުގެ މަތިން އިތުރު ގެއެއް ގަނެ އެގެ ވެސް ހަދަން ފެށީމެވެ. މިހާރު ދިރިއުޅޭ ގެއަކީވެސް އެންމެ ޒަމާނީ ފެންވަރަށް ހުރިހާ ޚިދުމަތް ތަކެއް އަހަރެންގެ މަސައްކަތުން ޤާއިމް ކޮށްފައިވާ އަރާމް ގެއެކެވެ. އަނބި ދަރީންނަށް ބޭނުންވާ އެއްވެސް ކަމަކަށް އިހުމާލެއް ނުވަމެވެ.

އެހެނަސް ކައިވެނީގައި މިހިސާބަށް އައި އިރު ވެސް އަހަންނަށް ލިބުނީ އަހަރެން އުއްމީދު ކުރި ކަހަލަ އަންބެއް ނޫނެވެ. ރުޅި ގަދައީ ހައްދުން ނެއްޓޭވަރަށެވެ. އަހަރެންގެ އެއްވެސް ކަމަކަށް ފަރުވާލެއް ނުހުރެ އެވެ. އޭނާގެ ބަހުރުވައިން ހެއްދެވި ނެހެއްދެވިއަށް ގޮވާ އަޅާލަނީ ފެށުނީއްސުރެންނެވެ.

އަހަރެން ކިރިޔާ އަޑު ގަދަވިޔަސް މުޅި ޢާއިލާ އެއްތަންކޮށް ބާރު ހޯދައެވެ.

މިހެން އުޅެނިކޮށް އެއްދުވަހަކު ދެމީހުން ކަމަކާ ޒުވާބު ކުރަނިކޮށް ގެއަށް ގެނައި ޑޮކްޓަރަކު ލައްވާ އަހަރެންނަށް ބޭސް ތަކެއް ލިޔެދީ އެއެއްޗެއް ކާން ދޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

މިހާރު އަހަރެން މިއީ މޮޔައެއް ކަމަށް ތަންގަނޑު އެންމެން ގާތު އޮންނަނީ ބުނެފައެވެ. ބޭސްނުކައިފިއްޔާވެސް ގެއަށް، އޭނާގެ ގޭދޮށު ފުލުހުން އިސާހިތަކު ގެނެސް އަހަންނަށް ބިރުދައްކާ އިންޒާރު ދެއެވެ.

މޮޔައެއްގެ އަތުގައި އެއްވެސް ލިއެ ކިއުމެއް ނުބެހެއްޓޭނެ ކަމަށްހަދާ އަހަރެންގެ ހުރިހާ އެއްޗެއް އޭނާ ހިރަށް ލައިފިއެވެ. ޕާސްޕޯޓާވެސް އެކުގައެވެ. އެއީ އަހަރެން ރާއްޖެ ގޮސްދާނެ ކަމަށް ބިރު ހީވެ އޭނާ ކުރި ކަމެކެވެ.

މިހާރު އަހަރެންގެ ހުރިހާވެސް އުއްމީދަކީ މިތިބަ ލޯބި ލޯބި ދެ ދަރީންނެވެ. ދިރި މިއުޅެނީ އެދަރީންގެ ޙައްޤުގައެވެ. ގްރޭޑް 10 ގައި އެކަކު ކިޔަވަމުން އަންނަ އިރު ހަގު މަންޖެ އަކީ އަދި އެންމެ 9 އަހަރުގެ ކުއްޖެކެވެ. ގޭތެރޭގައި އުފެދޭ ކޮންމެ ހައިޖާނެއްގެ އަސަރު އެދެކުދީންނަށް ފޯރާތީ އަހަންނަށް ޖެހެނީ ކަންކަން ހިންދާލައިގެން ހުންނާށެވެ.

ނުލަފާ އަޑި ނުބައި މި އަންހެން މީހާ މިއަދު އަހަރެން މަރާލާކަށް ވެސް ފަހެއް ނުޖެހޭނެ އެވެ. އެހެނަސް އަހަރެންގެ ތަނަވަސް ކަމުގެ ފައިދާ އޭނާއަށް ހެޔޮ ގޮތުގައި ނެގެން އޮތީ އޭނާގެ ކަސްތޮޅުގައި އަހަރެން ބަހައްޓައިގެންނެވެ.  އެހެންނޫންނަމަ އަހަރެން ދަންނަހާ ބަޔަކަށް އަހަރެންގެ ޖަނާޒާގެ އަޑު އިވުނުތާ ކިތައްމެ ދުވަހެކެވެ.

އަހަރެންގެ ސިކުނޑިއަކަށް އެއްވެސް ކަމެއް ނުވެއެވެ. ބައްޔެއްވެސް ނޫނެވެ. އެބުނާ ބައިޕޯލާ ޑިސްއޯޑާއެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަންނަށް ހިރިނުލެވިފައި މިހިރީ ނުފޫޒު ގަދަ، ވިހަ ގަދަ އަންހެނެއްގެ ނުބައި ރޭވުމުގެ ތެރެއިންނެވެ. މިހެން ހުންނަން ޖެހިއްޖެ ނަމަ ބައްޔެއްނެތް މީހަކުވެސް ދާނުގައި އޮންނަން ޖެހުމަކީ ގާތް ކަމެކެވެ. އަހަންނަށް ވެސް ވީ އެހެންނެވެ.

ރާއްޖޭގެ ރީތި ޖިންސުއްލަތީފުންނަށް ނޫނެކޭ ބުނުމަށްފަހު ހިންދު ކަރައިން ޙަޔާތަށް އާރޯކަން ގެނައުމަށް އުޅެގެން އަހަރެން މިވަނީ އަނދަވަޅަކަށްވެއްޓިފައެވެ. ބްލެކްމެއިލްގެ ޝިކާރައަކަށްވެފައެވެ. އުޅެން ޖެހިފައިވަނީ ގައިދީއަކަށްވުރެންވެސް މާހާލުގައެވެ. މީހަކާ ވާހަކަ ދެއްކެނީ ހުއްދަ ލިބިގެންނެވެ. ރައްޓެއްސަކާ ބައްދަލު ކުރުމުގެ ފުރުސަތެއް ނެތެވެ. އަމިއްލަ ހަށިގަނޑަށްވެސް އަމިއްލަ ބާރެއް ނެތެވެ. ބާރުގަދަ ބޭހުގެ އަޅަކަށްވެ ދުނިޔޭގެ ހުރިހާ އުފަލަކުން މިވަނީ މަހުރޫމް ވެފައެވެ.

ގޮތް ހުސްވެފައިވާ މީހެއްގެ ޙައިސިއްޔަތުން އަދިވެސް އުމުރުގައި ތަން ހުރީތީ ދިރިދުނިޔޭގައި ހުރީއެވެ.