English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ފަސްކޮށްފައިވާތީ، އެ މުބާރާތަށް ހާއްސަކޮށްގެން ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ހުއްޓާލައިފި އެވެ.

ޔުއެފާ ޔޫރޯ 2020އާ ދިމާކޮށް “ކޮކާ ކޯލާ ޔޫރޯ 2020″ގެ ނަމުގައި ކޮކާ ކޯލާއިން ފަށާފައިވަނީ ބައިވެރިއަކާއެކު، 10 ފަރާތަކަށް ޔޫރޯގެ މެޗެއް ބަލާލަން ޔޫރަޕަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން 10 ފަރާތަކަށް ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާ، އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބޭގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ދަތުރުގެ ހުރިހާ ހަރަދެއް ދޭނީ ކޮކާ ކޯލާއިން ދޭ ގޮތަށް ހަމަޖައްސާފައިވާ މި ޕްރޮމޯޝަނާ ގުޅޭ ގޮތުން ، ކޮކާ ކޯލާގެ ބުއިންތައް އުފައްދަމުން އަންނަ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިން އިއްޔެ  ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތެއް ނެތް ގޮތަށް ޕްރޮމޯޝަން މެދުކަނޑާލާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އިތުރު ނަސީބުވެރިންޔަކު ދެން ނުހޮވާނެ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް ގުރުއަތުން ހޮވިފައިވާ ފަރާތްތަކަށް ލިބުނު އިނާމުތައް ރައްދުކޮށްދޭނެ ކަމަށާއި، މިހާރުވެސް ގިނަ ފަރާތްތަކުން އިނާމު ހަވާލުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް އަހަރެއް ފަސްކުރުމާ ގުޅިގެން، ކޮކާކޯލާގެ ޕްރޮމޯޝަން ހުއްޓާލިއިރު، މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހަ ފަރާތަކަށް އޮތީ ލިބިފަ އެވެ. ނަމަވެސް މުބާރަތް ފަސްކުރުމާ ގުޅިގެން، އެ ފުރުސަތު ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށްގެން އެއާ އެއްވަރުގެ ބަދަލެއް ދޭނެ ކަމަށް އެމްއޭޑަބްލިއުސީން ބުންޏެވެ.