English Edition
Dhivehi Edition
އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޒަހަރާ ކުރަނީ: ފޮޓޯ/ގޫގަލް

އިންޑިއާގެ ހައިދްރާބާދްގައި މަރާލުމަށްފަހު ވަލުތެރެއަށް އެއްލާލާފައިވާ ޒުވާން އަންހެނެއްގެ ހަށިގަނޑު އަނެއްކާވެސް ފެނިއްޖެއެވެ.

ހައިދްރާބާދު ފުލުހުންނާ ހަވާލާދީ “ޓީ.އައި.އޯ” ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 25-30 އަހަރާ ދެމެދުގެ އެއަންހެންމީހާގެ ހަށިގަނޑު، ޓަންގެޑުޕަލީ ވިކްރަބާދް އަވަށުގެ ވަލުތެރެއިން ފެނުނުއިރު އެއްޗަކުން ޖަހައި އޭނަގެ މޫނު ވަނީ ކާކުކަން ނޭންގޭވަރަށް ހަލާކުކޮށްލާފައެވެ. ފުލުހުން އިތުރަށް ބުނީ އެއަންހެންމީހާ ފެނުނު އިރު ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަމަށާއި ދެއަތް ވާގަނޑަކުން އައްސާފައިވާކަމަށެވެ. އަދި އޭނަގެ ކަރުގައި އާއި އަތުގައި ގަހަނާ ހުރުމުން އެއީ ފޭރެން ހިންގި އަމަލެއްނޫން ކަމަށްލަފާ ވާކަމަށެވެ. އެހެން ނަމަވެސް ފުލުހުންވިދާޅުވީ އޭނަރޭޕްކޮށްފައިވާ ކަމަށް ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމް އަށްފަހުގައި ކަމަށެވެ.

ފުލުހުން ބުނީ އެއަންހެން މީހާގެ މޫނު މުޅިން ހަލާކުވެފައި ވާތީ އެއީ ކާކުކަން ދަނެގަންނަން އަދި އުނދަގޫކަމަށެވެ. އަދި އޭނަގެ ބަނޑުން ސިޒޭރިއަން ހަދާފައި ރަނގަޅުވެފައި ހުރި ލަކުނެއް ފެންނަން ހުރިކަމަށެވެ. މިހާތަނަށް ފުލުހުން ސީސީޓީވީ ކެމެރާތަކުން އެސަރަހައްދު ބަލަމުން ދާއިރު އަދި މިހާތަނަށް އެއްވެސް ގެއަކުން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ އަހަރު ނޮވެމްބަރުމަހު ހައިދްރާބާދް މީހުން ސިއްސުވާލީ ޖަނަވާރުންގެ ޑޮކްޓަރެއް ކަމަށްވާ ޑީޝާ އަށް ހަތަރުމީހަކު ފާރަލައި އޭނަ ކިޑްނެޕްކޮށް ވަލުތެތެއަށް ގެންގޮސް ރޭޕްކޮށް އަންދާލި ހާދިސާއިންނެވެ. އޭގެ ފަހުން އައި އެފަދަ ދެވަނަ ހާދިސާއަކީ މި ހާދިސާކަމަށް ހައިދްރާބާދް ފުލުހުން ފާހަނގަ ކުރެއެވެ.

ފުލުހުން ބުނީ މިހާދިސާ ހިންގި ކުށްވެރިން ހޯދައި މަރާލާފައިވާ އަންހެން މީހާއަކީ ކާކުތޯ ބެލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ދާކަމަށެވެ.

އިންޑިއާވަނީ މުޅި ދުނިޔެއިންވެސް އަންހެނުންނާއި ކުޑަކުދިންނަށް އެންމެ ނުރައްކާތެރި ޤައުމުކަމަށް ލޭބަލްވެފަ އެވެ.