English Edition
Dhivehi Edition

އޮސްޓްރޭލިއާގެ ސަރުކާރުން އެގައުމުގެ ރައްޔިތުން މި ދުވަސްވަރު ދަތުރުނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19ގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާ އިން އެ ގައުމުގެ ރައްޔިތުން ދަތުރުނުކުރަން އިލްތިމާސްކުރި ނަމަވެސް ގައުމުން ބޭރުގައި ތިބި ރައްޔިތުން އެނބުރި ގައުމަށް އައުމަށް ވަނީ އެދިފައެވެ. އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ، ކޮވިޑް-19އަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް އޮސްޓްރޭލިއާ އާއި ބަލާއިރު އެހެން ގައުމުތަކުގައި ނެތް ކަމަށެވެ. އަދި ވަކިން ޚާއްސަގޮތެއްގައި ގައުމުތަކުގައި ބިދޭސީންނަށް އެކަށީގެންވާ ގޮތެއްގައި ސިއްޙީ ޚިދުމަތް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސ ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓުތައް އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުން އެކީ ހުސްވެފައިވާ ކަމަށް ވެސް ދާދި ފަހުން އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ރިޕޯޓްތަކާއި އެކު އޮސްޓްރޭލިއާގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެގައުމުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުންނަށް، ކުރިއަށް އޮތް 6 މަސް ތެރޭގައި ކޮވިޑް19 ޖެހުން އެކަށީގެންވާ ކަމަށް ބަލައިގެން މަސައްކަތް ކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ. އޮސްޓްރޭލިއާ އިން މިހާތަނަށް 453 މީހަކު ކޮވިޑް19 ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު އެ ގައުމުން 8 މީހަކު ވަނީ އެވައިރަސް ޖެހިގެން މަރުވެފައެވެ.

އަދި އެގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކެއް ވެސް 14 ދުވަހަށް ހޯމް ކަރަންޓީނަށް ދާންޖެހޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.