ދުނިޔޭގައި މިހާރު ފެތުރެމުންދާ “ކޮވިޑް-19” ރޯގާއާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ކަސްޓަމްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއަރކާގޯ ޑޮކިއުމެންޓޭޝަން އަދި އެއަރކާގޯ އެގްޒަމިނޭޝަން މަސައްކަތް ކުރިއަށްގެންދާނީ ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 06:00 އިން މެންދަމު 01:30 އާއި ހަމައަށް ކަމަށާއި، ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަންގެ މަސައްކަތް ކުރިއަށްގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 08:00 އިން 20:00 އަށް ކަމަށެވެ. އަދި ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަންގެ ޚިދުމަތްދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 08:00 އިން ރޭގަނޑު 20:00 އަށް ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ އެގޮތަށް ނިންމާފައި ވަނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތް ދެވޭނެ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށާއި، އެ ބަދަލުތައް ޢަމަލުކުރަން ފަށާނީ 2020 މާރިޗް 18 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް މިއަދު ކެބިނެޓުން ވަނީ ނިންމާފައެވެ.