English Edition
Dhivehi Edition
އައްޑޫސިޓީގެ ފޭދޫ ބަނދަރުގައި އޮތް ސަފާރީއެއް. ސަފާރީ ތަކުންނާއި ރިސޯޓު ތަކުން މީހުން އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެމުން ދަނީއެވެ. ސަރުކާރުންވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ރިސޯޓުތަކުން މީހުން އަރާ ފޭބުންވެސް މަނާ ކޮށްފައެވެ.

ރިސޯޓު ތަކެކޭ އެއްފަދައިން މާލެއާއި ހުޅުމާލޭގައި ހުރި  ގެސްޓްހައުސްތަކަށްވެސް މިފަދައިން ހަރުކަށި ފިޔަވަޅު އަޅާފައިވާ އިރު ކޮންމެ ދުވަހަކު އެތައް ފަތުރު ވެރިންނާއެކު ބަނދަރު ކުރަމުންދާ ސަފާރީތަކަށް ފިޔަވަޅެއް އެޅި ތަނެއް ނުފެނެއެވެ. ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު ސަފާރީތައް ބަނދަރުކޮށްފައިވާ އައްޑޫސިޓީ ފޭދޫ އަށް އެމީހުން އަރާ ފޭބުމަކީ މިއަދުވެސް ޢާއްމު ކަމެކެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ ޔޫރަޕްގެ ޤައުމުތައް ކަމަށްވާ އިޓަލީއާއި ފްރާންސްގެ ފަތުރުވެރިން މިހާރުވެސް ރަށަށް އަރާ ފޭދޫ ބަނދަރު ސަރަހައްދުގެ ފިހާރަތަކުން ވިޔަފާރި ކުރާ މަންޒަރާއެކު ފޭދޫގެ އެތައް ރައްޔިތުންނެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ފޭދޫ ފަޅުގައި ތިބި ސަފާރީތަކުން މީހުން ފައިބައިގެން އައިސް ފޭދޫގައި: ފޮޓޯ އޭއޯ ނިއުސް

އޭއޯގެ ނިއުސްގެޓީމަށް ވެސް ވަނީ މިމަންޒަރު ފެނިފައެވެ. ފޭދޫގައި އޮތް 9 ސަފާރީއަކުން މީހުން އަރާ ފޭބުމުގެ އިތުރުން ދިވެހިންވެސް ދަނީ މުދާ ހިފައިގެން ސަފާރީތަކަށް އައިސް ގޮސް ހަދަމުންނެވެ. ފޭދޫގައި އޮތް އެމްޕެރަރ މޯލްޑިވްސް ގެ ލޯންޗް ކައްޕިއާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިއީ އެމީހުންނަކަށް މަނާ ކަމެއް ނޫނެވެ.

 މީކީ މަނާ ކަމެއް ނޫން. ސަފާރީތަކުގައިވެސް އުޅެނީ އިންސާނުން . ބޭނުންތައް ހުންނާނެ. އެހެންވެ އެމީހުން އެ އަންނަނީ ބޭނުންވާ ބައެއް ތަކެތި ގަނެ ބާޒާރު ކޮށްލަން.

 

ތެދެކެވެ. ނުކައި ނުބޮއެ އެއް ނުތިބެވޭނެ އެވެ. ބޭނުންވާ އެއްޗިހިވެސް ހޯދޭނެއެވެ. އެހެންނަމަވެސް މިއީ އެއަށްވުރެން ކަންބޮޑުވާ ޙާލަތެއް އޮތް ދަނޑިވަޅެކެވެ. ނުރައްކާތެރި ވައިރަހެއް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެނީއެވެ. ބަލީގެ އަސަރު ބޭރު ފުށުން ފެންނަން ނެތި 14 ދުވަސް ހޭދަވާއިރު އެފަދަ މީހަކު ޢާއްމުންގެ ތެރެއަށް ދިއުމުން އެތައް ބަޔަކަށް ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.

އައްޑޫގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކު އަދި ފެނިފައި ނުވިޔަސް ރައްޔިތުންގެ ކަންބޮޑުވުމަކީ މިފަދަ ދޯދިޔާ ޢަމަލުތަކުގެ ސަބަބުން ރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ބޮޑު ވެދާނެތީ ވާ ކަންބޮޑުވުމެވެ.

މިއީ ކަމާއި ބެހޭ ފަރާތްތަކުން އައްޑޫސިޓީގައިވެސް ހަރުކަށިކަމާއެކު ޤާނޫނު ތަންފީޒު ކުރަންވީ ވަގުތެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފަތުރުވެރިން ގެންނަ ހުރިހާ އެންމެންނާމެދު އެއްހަމައެއް ގެންގުޅެންވީއެވެ.

އައްޑޫސިޓީއަކީ މީހުންއުޅޭ ރަށްރަށާއި ދާދި ކައިރީގައި 3 ރިސޯޓެއް އޮވެމެ ކޮންމެ ދުވަހަކު އެރިސޯޓު ތަކަށްވެސް އެކިއެކި ބޭނުންތަކުގައި އެތައް ބަޔަކު އައިސްގޮސް ހަދާ ތަނެކެވެ.

ޝަންގްރިއްލާ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ނިދަން އަރަނީ މީހުންދިރިއުޅޭ ރަށްރަށަށް ކަމަށް އޮތް އޮތުން އެކަށައެޅުނު އާގަވާއިދާއި އެކު ވަނީ ބަދަލުކޮށް ރިސޯޓުގައި ޤާއިމްވެ ތިބެވޭނެ ގޮތް ހަމަޖައްސާފައެވެ.

ކެނެރީފާއި ސައުތުޕާމް ރިސޯޓާއި އީކުއޭޓަރ ވިލެޖުންވެސް އިއްޔެއިން ފެށިގެން މިވަނީ މިކަން މަނާ ކުރެވިފައެވެ. މިއީ އުފާވެރިޚަބަރެކެވެ.

މިނޫނަސް ފަތުރުވެރި މަންޒިލްތައް އައްޑޫސިޓީގައި އެބަހުއްޓެވެ. އަބަދުވެސް އަޑުއިވެނީ ދިވެހިން ބައެއް ކަންކަމަށް ފަރުވާ ކުޑަ ކަމުގެ ވާހަކައެވެ. މާ ސީރިއަސް ކޮށް ކަންކަން ނުނަގާވާހަކައެވެ. މިހާރުވެސް ގޭގެއަށް ޒިޔާރަތް ކުރުމާއި އަނގަތަޅަން ކަންކަން މަތީ ތިބޭ ތިބުމަށް ބަދަލެއް ނާދެއެވެ.

ތިމާގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާނެ އެހެން މީހަކު ނުހުންނާނެ އެވެ.  ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅޭ ފިޔަވަޅު ތަކަށް ބޯލަނބާ ކިޔަމަން ގަތުމާއެކު އެއާއި ޚިލާފަށް އުޅޭ ފަރާތްތައް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނައުމަކީ ކޮންމެ ފަރުދެއްގެވެސް ޒިއްމާއަކަށް ހަދަމާތޯއެވެ.