އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ) ގެ ޑިޓްރޮއިޓް ޕިސްޓަންސް އަށް ކުޅެމުން އަންނަ ފޯވާޑް ކްރިސްޓިއަން ވުޑް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ވުޑް ވެފައިވަނީ މިހާތަނަށް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ތިންވަނަ ބާސްކެޓްބޯޅަ ކުޅުންތެރިޔާއަށެވެ.މީގެކުރީން، އެންބީއޭގެ ޓީމެއްކަމަށްވާ ޔޫޓާ ޖޭޒް އަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓާ ރުޑީ ގޯބެއާގެ އިތުރުން އެމެރިކާގެ ޝޫޓިންގ ގާޑް ޑޮނަވަން މިޗޭލް ވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ.
މިކަމާ ގުޅޭގޮތުން، ޕިސްޓަންސް އިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، އެ ޓީމުގެ ކުޅުންތެރިއަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައެވެ. އެ ބަޔާނުގައި ކުޅުންތެރިޔާގެ ނަން ހާމަކޮށްފައިނުވީނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިން އަދި އޮފިޝަލުންނާއި އެ ކުޅުންތެރިޔާ އައިސޮލޭޓްކޮށް، މެޑިކަލް ޑޮކްޓަރުންގެ އެހީތެރިކަމާއި ބެލުމުގެދަށުގައިވާކަމަށް ބުނެފައިވެއެވެ.
ޕިސްޓަންސްގެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މީގެ ހަފްތާއެއް ކުރީން އެންބީއޭގައި އެ ޓީމުން ކުޅެފައިވަނީ ޖޭޒްއާ ދެކޮޅަށްެވެ. އެގޮތުން، އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބާސްކެޓްބޯޅަ ކުޅުންތެރިއަކީ ޖޭޒްގެ ސެންޓާ ގޯބެއާ އެވެ. އެއާއެކު މިދިޔަ ބުރާސްފަތު ދުވަހު ވަނީ އެންބީއޭގެ މެޗުތައް އެއް މަސްދުވަހުގެ މުއްދަތަށް މެދުކަނޑާލާފައެވެ.
މީގެއިތުރުން، ޖޭޒްގެ ގޯބެއާ އަދި މިޗޭލް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ޓީމުތަކުގެ ތެރެއިން، ޕިސްޓަންސްގެ އިތުރުން ކްލީވްލެންޑް ކަވަލިއާސް އަދި ބޮސްޓަން ސެލްޓިކްސްގެ ކުޅުންތެރިން ތިބީ ކަރަންޓީނުގައެވެ. އެހެންނަމަވެސް، ޖޭޒްއާ ދެކޮޅަށް އެންމެފަހުން ކުޅުނު ޓޮރޮންޓޯ ރެޕްޓާސްގެ ކުޅުންތެރިން މިވައިރަހަށް ހެދި ޓެސްޓްތައް ވަނީ ނެގެޓިވްވެފައެވެ.