English Edition
Dhivehi Edition

ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިންސް އަދި ސްޕެޝިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ފިރިހެނަކު ކަމަށާއި، އެ ތިން މީހުންނަކީވެސް ދިވެހިން ކަމަށެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 22:30 ހާއިރު ހުޅުމާލެ ވެމްކޯ ޖެޓީ ސަރަހައްދުން ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ތިން މީހުންގެ އަތުން 12 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.