English Edition
Dhivehi Edition

އެމެރިކާއިން ޓައިވާނާއި މެދު ގެންގުޅޭ ސިޔާސަތު ތަކަށާއި، ދެކުނު ޗައިނާ ކަނޑުގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކަށް ޗައިނާ އަސްކަރީއްޔާއިން ފާޑު ކިޔައިފިއެވެ.

ޗައިނާގެ މައި އަސްކަރީ ކޮމިޝަންގެ ވައިސް ޗެއާމަން ފެން ޗެންގްލޮންގުއާއި، އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން ޖޯސެފް ޑަންފޯޑް ބުރާސްފަތި ދުވަހު ވަނީ ބަައްދަލު ކުރައްވާފައެެވެ. ބެއިޖިންގައި އޮތް މި ބައްދަލުވުމުގައި ފެން ވިދާޅުވެފައިވަނީ، އެމެރިކާއިން ދެކުނު ކޮރެއާގައި ގާއިމް ކުރަން އުޅޭ މިސައިލް އިން ދިފާއުވުމުގެ ނިޒާމާއި، ދެކުނު ޗައިނާ ކަންޑުގައި އެމެރިކާއިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ އިތުރުން ޓައިވާނުގެ މައްސަލައިގައި އެމެރިކާއިން އަމަލު ކޮއްފައިވާ ގޮތަށް ވަނީ ފާޑުވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ފެން ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާއާއި ޗައިނާގެ އަސްކަރިީ ގުޅުންތަށް މިފަހަކަށް އައިސް ރަނގަޅު ވަމުން ދިޔަނަމަވެސް އެމެރިކާގެ މިފަދަ އަމަލު ތަކުގެ ސަބަބުން ދެގައުމު ދެމެދުގައި އޮންނަ އަސްކަރީ ގުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

ޗައިނާއިން ބުނެފައިވާ ގޮތުގައި ދެކުނު ކޮރެއާގައި ގާއިމް ކުރުމަށް އުޅޭ މިސައިލުން ދިފާއުވުމުގެ ނިޒާމުގެ ސަބަބުން ޗައިނާގެ ސަލާމަތީ ކަންކަމަށް ބުރުއަރާ ކަމަށެވެ. ސަބަބަކީ އެ ނިޒާމުގައި ބޭނުން ކުރާ ބާރު ގަދަ ރާޑަރު ޗައިނާއާއި ހިސާބައް ފޯރުމެވެ. ޗައިނާއިން ބުނެފައި ވަނީ މިނިޒާމުން އުތުރު ކޮރެއާއި ދެމެދު އޮތް ނުތަނަވަސް ކަމަށް ބަދަލެއް ނާންނާނެ ކަމުގައެވެ.

ޗައިނާގެ ރައީސް އާއި އެކު ޑަންފޯޑް ފަހުން ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގް ވިދާޅުވެފައިވަނީ ޗައިނާ އާއި އެމެރިކާ އާއި ދެމެދު ރަންގަޅު އަސްކަރީ ގުޅުމެއް އޮތުމުން ދެގައުމުގެ ގުޅުންވެސް އިތުރަށް ބަދަހި ވެގެން ދާނެ ކަމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަންފޯޑް ވިދާޅުވީ އޭނާގެެ މިދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ އެންމެ މުހިންމު ކަމަކީ ދެ ގައުމުގެ އަސްކަރީއްޔާ ދެމެދު މުއާސަލާތީ ގުޅުން ސަލާމަތީ މިންގަނޑު ތަކަށް ފެތޭ ގޮތަށް ކުރިއަށް ގެންދިއުމަށް ފްރޭމްވޯކެއް އެކުލަވާލެވުނު އެއްބަސް ވުންކަމުގައެވެ.

ޑަންފޯޑް ވިދާޅުވި ގޮތުގައި މިހާރުވެސް މުއާސަލާތު ކުރެވޭ ގޮތްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދަން ބޭނުންވަނީ 24 ގަޑި އިރު ދެމެހެއްޓެނިވި ގޮތެއްގައި ދެގައުމުގެ އަސްކަރީއްޔާ ދެމެދު މުއާސަލާތީ ގުޅުމެއް ގާއިމް ކުރުމަށެވެ.