English Edition
Dhivehi Edition

ހިންދީ ފިލްމުސްޓާރ އާމިރު ޚާނަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަރިއެކެވެ. އާމިރުޚާންގެ އެންމެ ހިތްގައިމު އަދި ގިނަ ބަޔަކަށް އަޅައިގަންނަ ސިފައަކީ އޭނަގެ ހިނިތުންވުމެވެ. މިއަދު އުމުރުން 55 އަހަރު ފުރޭއިރު އާމިރުޚާން ފެންނަނީ އުމުރަށް ވުރެ މާ ޅަކޮށް ޒުވާން ފިރިހެން ކުއްޖެއްގެ ގޮތުގައެވެ.

 

މުޙައްމަދު އާމިރު ހުސައިން ޚާން (އާމިރު ޚާން) އަކީ އިންޑިއާގެ ސިނަމާތަކުގައި އެންމެ ނުފޫޒުގަދަ އެއްތަރިއެވެ. އިންޑިއާގެ އިތުރުން ޗައިނާގައި ވެސް “ދަ ބިގެސްޓް މޫވީ ސްޓާރ” ގެ ނަމުގައި ނިއުސްވީކުން ގެނެސްދޭ އާމިރު އަކީ ގިނަ ބައެއްގެ ފޭނެކެވެ. 40 އަހަރަށް ވުރެ ދިގު މުއްދަތެއް ފިލްމީ ދާއިރާގައި ހާެދަކޮށް ގައިވާ އާމިރު ވަނީ މިހާތަނަށް އެތަކެއް ފިލްމީ އެވޯޑެއް ހާސިލްކޮށްފައެވެ.

1973 ގައި ނާސިރު ހުސައިންގެ “ޔާދޯން ކީ ބާރާތު” ގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެން ދިޔަ އާމިރު ފުރަތަމަ ފީޗާޑް ރޯލެއް އަދާކޮށްފައިވަނީ 1984 ގައި ރިލީޒް ވި “ހޯލީ” އެވެ. އޭގެ ފަހުން ފުލްޓައިމް ސްޓާރެއްގެ ގޮތުގައި މަސައްކަތް ކޮށް ކާމިޔާބު ފިލްމުތަކެއްގައި އާމިރުވަނީ ލީޑްރޯލު ކުޅެފައެވެ. އެގޮތުން 1988 ގައި އާމިރު ކުޅެފައިވާ “ގަޔާމަތު ސޭ ގަޔާމަތު” ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ނެޝަނަލް ފިލްމު އެވޯޑު ހާސިލްކޮށްފައެވެ.

މީގެ އިތުރުން އާމިރު ކުޅެފައިވާ “ރާޖާ ހިންދުސްތާނީ” “ދިލް” ފަދަ ފިލްމުތަކަކީ ލޯބީގެ އަސަރުގަދަ ރީތި ފިލްމުތަކެކެވެ.

1999 ގައި އާމިރުގެ އަމިއްލަ “އާމިރުޚާން ޕްރޮޑަކްޝަން” އުފައްދައި 2001 ވަނަ އަހަރު އުފެއްދި އެޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު “ލަގާން” އަކީވެސް ކާމިޔާބު ފިލްމެކެވެ. ގިނަ އެވޯޑުތަކެއް ފިލްމަށް ވަނީ ލިބިފައެވެ.

4 އަހަރު ދުވަހުގެ މަޑުކުރުމަކަށް ފަހު އެނބުރި އަލުން ސްކްރީނަށް އައިސް އާމިރު ވަނީ ފިލްމު އިންޑަސްޓްރީގައި އިންގިލާބެއް ގެނެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި “ފަނާ” “ރަންގް ދި ބަންސާރީ” “ތާރޭ ޒަމީން” ” ތްރީ އިޑިއަޑްސް” “ދޫމް 3” ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ ތެރެއިން ވެސް “ތާރޭޒަމީން” ވެގެން ދިޔައީ މުޅިން ތަފާތު އަދި ގިނަ ބައެއްގެ ތަރުހީބު ލިބުނު މޮޅު ފިލްމެއްގެ ގޮތުގައެވެ.

ފިލްމު އިންޑަސްޓްރީގެ އިތުރުން އާމިރު ޚާން ފާހަގަކޮށްލެވެނީ އިންސާނިއްޔާތަށް ޚިދުމަތް ކުރުމުގައި ނަމޫނާ މީހެއްގެ ގޮތުގައެވެ. އިޖުތިމާއީ ގިނަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި މުޖުތަމައުގައި ދިމާވާ ބޮޑެތި މައްސަލަތަކާއި ސިޔާސީ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމުގައި އާމިރު ވަނީ އެކިއެކި ޓީވީޝޯ ތަކުގައި މަސައްކަތްތަކެއް ކޮށްފައެވެ.

މިއަދު 55 އަހަރު ފުރޭ އުފަންދުވަސް ފާހަގަކުރަމުން އަންނައިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އާމިރުޚާނަށް ގެންދަނީ ތަހުނިޔާ ފޮނުވަމުންނެވެ.