English Edition
Dhivehi Edition

ސައުދީ ރަސްގެފާނުގެ ޚަރަދުގައި ޤަތަރުގެ ހައްޖުވެރިންނަށް މިއަހަރު ހައްޖު އަދާ ކުރުމަށް، ސައުދީ ރަސްގެފާނު ދައުވަތު އަރުވައިފިއެވެ.

އެގައުމުގެ ރަސްމީ ނޫހުގައި ސައުދީ ސަރުކާރުން ބުރާސްފަތި ދުވަހު ޝާއިއު ކުރެއްވި ބަޔާނުގައި ބުނެފައިވަނީ، ސައުދީ ރަސްގެފާނު ޤަތަރުގެ ހައްޖުވެރިންނަށް ރަސްގެފާނުގެ ޙަރަދުގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދައުވަތު އަރުވާ ކަމަށެވެ. މީގެ އިތުރުން ސަލްވާ ބޯޑަރު ޤަތަރުގެ ހައްޖުވެރިންނަށްޓަކައި ހުޅުވާލާނެކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގަތަރުގެ ޙާރިޖީ ވަޒީރު، ޝެއިޙް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް-ޘާނީ ވަނީ ސައުދީން ބޯޑަރު ހައްޖާޖީންނަށް ހުޅުވާލުމުން މަރުހަބާ ކިޔާފައެވެ. ނަމަވެސް އަލް-ޘާނީ ވަނީ ހައްޖުގެ އަޅުކަން ސިޔާސީ ކުރެވިގެން ނުވާނެ ކަމަށް ފާހަގަ ކޮއްފައެވެ. އެނާ އިތުރަށް ވިދާޅުވިގޮތުގައި ސައުދީއިންނާއި ދެންތިބި ގައުމުތަކުންވެސް ޤަތަރާއި މެދު އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަށް އުފުލަން ޖެހެއެވެ.

މިކަމާ ގުޅިގެން ޤަތަރުގެ ބައެއް ރައްޔިތުންވަނީ ބޯޑަރު ހުޅުވުމަށް މަރުހަބާ ކިޔާފައެވެ. ޓްވީޓާރގައި ޤަތަރުގެ ބައެއް މީހުން ބުނެފައިވަނީ ހައްޖާޖީންނަށް ފުރުސަތު ދިނުމަކީ ރަނގަޅު ފިޔަވެޅެއް ކަމުގައެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ޚަރަދުގައި ނުވަތަ އެހެން ބައެއްގެ އިހްސާންތެރި ކަމުގައި ހައްޖުގެ އަޅުކަން ކުރަން ބޭނުން ނުވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ސައުދި އަރަބިއްޔާ، ޔޫ.އޭ.އީ، ބަޙުރެއިން އަދި މިސްރުންވަނީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު ވަނީ ޤަތަރާއި އެކު ސިޔާސީ ގުޅުން ކަނޑާލާފައެވެ. އަދި އެފަހުން ޤަތަރުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ދަތުރުތައް މަނާކޮށް ބޯޑަރު ތައްވަނީ ބަންދުކޮއްފައެވެ. މީގެ އިތުރުން ޤަތަރުގައި ތިބި މިގައުމުތަކަށް ނިސްބަތްވާ ރައްޔިތުން އަނބުރާ އައުމަށް ވަނީ އަންގާފައެވެ.

އެގައުމުތަކުން ވަނީ ޤަތަރާއި މެދު މިފަދަ ފިޔަވަޅު ތަކެއް އެޅީ އެގައުމުން ޓެރަރިސްޓުންނަށް ވާގި ވެރި ވެދޭ ކަމަށް ބުނެއެވެ. ޤަތަރުން ވަނީ މިކަން ދޮގުކޮއްފައެވެ.