English Edition
Dhivehi Edition

ފެތުރެމުންމިދާ ކޮވިޑް19 ބަލި ޖައްސާ ވައިރަސް މަރުނުވެ ވައިގެތެރޭ އެތައް ގަޑިއިރަކަށް ދެމިހުރުމުގެ އިތުރަށް ބައެއް ތަކެތީގައި މިވައިރަސް ދެތިން ދުވަހަށް ދެމިހުންނަ ކަން ދިރާސާއަކުން ދައްކައި ފިއެވެ.

އެމެރިކާގެ ސައިންޓިސްޓުންތަކެއް ގުޅިގެން ކުރި މިދިރާސާ ހާމަ ކޮށްފައިވަނީ މިދިޔަ ބުދަދުވަހުއެވެ. އޭގައިވާ ގޮތުން ވައިގެތެރޭގައިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެފައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ނަގުލު ވުމުގެ އިތުރަށް ވައިރަހުގެ އަސަރު ކޮށްފައިވާ ތަކެތީގައި އަތްލުމުންވެސް މިބަލި ޖެހެއެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު ޗައިނާއިން މިބަލި ފެނުނު ދުވަހުންފެށިގެން ވައިރަސްވަނީ ދުނިޔޭގެ 134700 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. 4900 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާ އިރު މިއީ 2003 ވަނަ އަހަރު ކުރިމަތިވި ސާސް ރޯގާއާއި ދާދި އެއްކަހަލަ ބަލިމަޑުކަމެއް ކަމަށް ސިރާސާކުރި ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިދިރާސާގައި ސައިންސްވެރިންނަށް ވަނީ ނުރައްކާތެރި ވައިރަހުގެ އަސަރު ދެމިހުންނަ މުއްދަތު އެކި ތަކެތީގައި ތަފާތުކަން ފާހަގަ ވެފައެވެ. އެގޮތުން ލޮއިން ހަދާފައިވާ ތަކެތީގައި 4 ގަޑިއިރު ދެމި ހުންނަ އިރު ކާޑުބޯޑުގައި 24 ގަޑިއިރު މިވައިރަސް ދެމިހުރެއެވެ. މީގެ އިތުރުން ޕްލާސްޓިކް ސާމާނާއި ސްޓެއިންލެސް ސްޓީލްގައި 2 ދުވަހާއި 3 ދުވަހުގެ މުއްދަތަށް ވައިރަސް ގެ އަސަރު ދެމިހުރެއެވެ.

މިއީ 2003 ގެ ސާސް ރޯގާގައިވެސް ހޯދި ނަތީޖާއާއި ދާދި އެއްގޮތް ނަތީޖާއެއްކަމަށް ސައިންސްވެރިން ފާހަގަ ކޮށްފައި ވިޔަސް މިހޯދި ހޯދުން ތަކަކީ މިބަލި ދުނިޔެއަށް ފެތުރޭނެ މިންވަރު ވަޒަން ކުރެވޭ ދިރާސާއެއް ނޫންކަމަށް އެމީހުން ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް ޕްރިންސްޓަން ޔުނިވަސިޓީއާއި ލޮސްއެންޖެލްސްގެ ޔުނިވަސިޓީއޮފް ކެލިފޯނިޔާގެ ސައިންޓިސްޓުންކުރި މިދިރާސާ ފުރަތަމަ ޢާއްމުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ސައިންސްވެރިންގެ މިފަދަ އާހޯދުންތައް ހޯދުމާއެކު ޢާއްމުކުރެވޭ ވެބްސައިޓެއްގައެވެ. އެހެންކަމުން އަދި މިދިރާސާ އެހެން ފަރާތްތަކުން ރިވިއުކޮށްފައެއް ނުވެއެވެ.

މިއާހޯދުމާމެދު ވާހަކަ ދައްކަވަމުން ޖޯޖްޓައުން ޔުނިވަސިޓީގެ މައިކްރޯބަޔޮލޮޖީ ޕްރޮފެސަރެއްކަމަށްވާ ޖޫލީފިޝަރ ވިދާޅުވީ މިއީ ޢާއްމުންގެ އެތައް ސުވާލަކަށް ޖަވާބު ލިބިގެންދިޔަ ކަމެއް ކަމަށާއި ސިއްޙީ ދާއިރާއިން އިލްތިމާސް ކުރަމުންދާ ސާފުތާހިރު ކަމުގެ މައްޗަށްވެސް ބާރު ލިބޭ ކަމެއްކަމަށެވެ.

އަހަރެމެން ކުރަންޖެހޭ ކަމަކީ ދެއަތް ރަނގަޅަށް ދޮވެ ސާފުކޮށް ހޭލުންތެރިވާންވީ. ވަކިން ޚާއްސަކޮށް މޫނުގައި އަތް ލުމުން ދުރުވާންވީ