English Edition
Dhivehi Edition

ސަން އެކުއާ އިރުވެލި ރިސޯޓުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތައް ފެނުނު ބިދޭސީ މީހާ އެ ވައިރަހަށް ނެގެޓިވްވެފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، އިރުވެލި ރިސޯޓުން ވައިރަހަށް ޝައްކު ކުރެވުނު މީހާ ނެގެޓިވްވެފައިވާ ކަމަށާއި އެހެންނަމަވެސް އެ މީހާ އިތުރަށް އޮބްޒާވްކުރުމުގެ ގޮތުން އަދިވެސް އައިސޮލޭޝަންގައި ހުރި ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.މީގެ އިތުރުން ކުރެއްދޫ އިން އިތުރު 10 މީހެއްގެ ސާމްޕަލް ނެގުމަށް ތައްޔާރުވަމުން އަންނައިރު އޮބްލޫ ސަންގެލި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހެއްގެ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 125 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 128,058 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.