English Edition
Dhivehi Edition

އައްޑޫ ނޭޗަރ ޕާކް ވަގުތީގޮތުން ބަންދުކުރަން އެ ޕާކު ބަލަހައްޓާ ފަރާތުން ނިންމައިފި އެވެ.

މިއަދު އައްޑޫ ނޭޗަރ ޕާކް ހިންގާ ފަރާތުން ބުނީ މާދަމާއިން ފެށިގެން ވަކި ތާރީޚެއް ނެތަްގޮތަށް ޕާކު ބަންދުކުރާނެ ކަމަށެވެ. މި ޕާކު ބަންދުކުރަން ނިންމާފައި ވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެންނެވެ.

ރާއްޖެއިން  9 މީހުން ވައިރަހަށް ފައްސި (ޕޮޒިޓިވް) ވެފައިވުމާއެކު ސަރުކާރުން މިއަދު ވަނީ 30 ދުވަހައް ސިއްހީ ކުއްލި ހާލަތުވެސް އިއުލާން ކޮށްފައެވެ. އަދި އެއްވެ އުޅުންތައް ނުބޭއްވުމަށާއި މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް މަދުކުރުމަށްވެސް ސަރުކާރުން ވަނީ އަންގާފަ އެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވައިރަހާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އައްޑޫ ސިޓީގައި ދަނީ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވަމުންނެވެ. އެގޮތުން އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އައްޑޫގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވައިރަހާއި ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސ. ފޭދޫ ޞިއްޙީ މަރުކަޒުންވެސް ވަނީ ފޭދޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް މައުލޫމާތު ސެޝަނެއް ބާއްވާނެ ކަމަށް އަންގާފަ އެވެ. އެގޮތުން މި މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 04:00 ގައި ފޭދޫ ސްކޫލްގައި ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.