English Edition
Dhivehi Edition

ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ދޫކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ކޯޓުން ދޫކޮށްލީ ޝަރުތުތަކާއެކުގައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ކޯޓުން ގާސިމް ދޫކޮށްލީ މިމަހުގެ ފަސްވަނަ ދުވަހު ކޯޓުން ޖަހައިދީފައިވާ 4 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އެބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރެއްވުމުންނެވެ. ފުލުހުން ގާސިމް ހައްޔަރުކޮށްގެން އުޅުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވުމާއި، ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުއްވާ ކަމުގެ ތުހުމަތުގައެވެ. ގާސިމް ބަންދުން ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި 20 ދުވަސް ބެހެއްޓެވުމަށް ފަހުގައެވެ. ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ބަންދާމެދު ގޮތެއް ނިންމެވުމަށް ކޯޓަށް ހާޒިރު ކުރެއްވީ އެޕްރީލް އެކާވީސް ވަނަ ދުވަހުއެވެ. އެދުވަހު ކޯޓުންވަނީ ފަނަރަ ދުވަސް ޖަހައިދީފައެވެ. އެފަހުން މުއްދަތު އިތުރު ކޮށްފައިވަނީ މެއިމަހުގެ ފަސް ވަނަ ދުވަހުއެވެ.