English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް -19 އާއި ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެކަމަށާއި އަދި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އަންނަ ކަމަށެވެ. ހަމަ އެއާއެކު ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ކޯވިޑް19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

“މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ.މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެ ކަމަށް” ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް އަންދާޒާ ކޮށްގެން ތިބި ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މިވަގުތު އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްތު ނުކުރާ ވާހަކަ” ރައީސް ގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިބަލި ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، މި ބައްޔާ މެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވަވަން ފައްޓަވައިފި ކަމަށާއި ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް، މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސެސްމަންޓެއް ހަދައި، ތައްޔާރުވާން ފައްޓަވައިފިކަމަށެވެ.  އަދި މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ޞިއްޙަތާ ބެހޭ ތަޖުރިބާކާރުންނަށް ވެސް އަދި ޔަޤީނެއް ނުވާ ކަަމށާއި އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ދުނިޔޭގެ ސިއްހަތަށް ޖަމިއްޔާގެ ލަފަޔާ އެއްގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.