English Edition
Dhivehi Edition

އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނަށް ވައިރަހާއި ބެހޭ މައުލޫމާތު ސެޝަނެއް ބާއްވަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ނިންމައިފި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ބުނީ މި މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (13 މާރިޗް )، ހުކުރު ދުވަހުގައި ކަމަށެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 04:00 ގައި ހިތަދޫ ސްކޫލްގެ ހޯލުގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި މައުލޫމާތު ވީހާވެސް ގިނަ ބަންގްލަދޭޝްގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

އައްޑޫސިޓީ އަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ. އައްޑޫގައި ބަންގްލަދޭޝްގެ ވަރަށް ގިނަ ރައްޔިތުން ދިރިއުޅެއެވެ. ވުމާއެކު ބަލިމަޑުކަމެއް ފެތުރިފައިވާ މި ދުވަސްވަރުގައި ބަލީގެ މައުލޫމާތާއި ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ބަންގްލަދޭޝްގެ ރައްޔިތުންނާއި އެހެނިހެން ބިދޭސީންނަށްވެސް ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކޮވިޑް-19 ދިވެހިރާއްޖެ އިންވެސް ފެނިފައިވާއިރު ރާއްޖޭގައި 8 މީހުން ވަނީ މި ވައިރަހަށް ފައްސި (ޕޮޒިޓިވް) ވެ ކަރަންޓީން ކޮށްފަ އެވެ. އަދި ވައިރަހަށް 13 މީހުން ވިލިވަރުގައި ކަރަންޓީން ކޮށްފައިވާއިރު ފަރުކޮޅުގައި 15 މީހުން ވަނީ އެކަހެރި ކޮއްފައެވެ.