މިއަދު މާލެ އާއި ވިލިމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ އެކުންފުނީގެ ނެޓްވޯކް އިތުރަށް ތަރައްޤީކޮށް، އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން 11:00 އަށް ވިލިމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ސިޓީ ޕާކް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 13:30 އަށް ކަރަންޓު ކެނޑޭނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ އަރިހުން މަޢާފަށްވެސް އެދިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންވެސް ވަނީ ކަރަންޓު ކަނޑައިފަ އެވެ. ކަރަންޓު ކަނޑާނީ ހަތް ގަޑިއިރަށް ކަމަށް ފެނަކައިން ބުނި ނަމަވެސް، މުޅިން އެއްކޮށް ކަރަންޓު ލިބުނީ ނުވަ ގަޑިއިރު ފަހުންނެވެ.