English Edition
Dhivehi Edition
ސަން އަކުއަރ އިރުވެލި ރިސޯޓް - ފޮޓޯ: އަގޯޑާ

ސަން އަކުއަރ އިރުވެލި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޭންޑީޒް ބަތަލާ މޯލްޑިވްސް އިން ބިދޭސީއެއް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ބަންގްލަދޭސް އިން ފުރައިގެން ރޭ އެނބުރި ރާއްޖެ އައި ދިވެއްސެއް، 14 ދުވަހުގެ މުއްދަތަކަށް ވަނީ ކަރަންޓީން ކޮށްފައެވެ.

އަދި ހަމަ އެހެންމެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއް އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ.

ރާއްޖެއިން  ކޮވިޑް-19 މިހާތަނަށް އަށް މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ބަތަލާ ރިސޯޓުގެ ދެ މީހަކާއި އަދި އެންމެ ފަހުން އެ ބަލި ފެނުނު ކުރަމަތި ރިސޯޓުގެ ދެ މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.