English Edition
Dhivehi Edition

ބަންގްލަދޭޝް އިން ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން މިރޭ ބަންގްލަދޭޝް އިން ފުރައިގެން އެނބުރި ރާއްޖެ އައި ދިވެއްސެއް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ގިނަ ފަޔަވަޅުތަކެއް އަޅަމުން އަންނައިރު އިއްޔެ އިން ފެށިގެން ރާއްޖެ އަށް ބަންގްލަދޭޝް އިން މީހުން އައުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އެޗްޕީއޭއިންވަނީ ދިވެއްސަކު ބަންގްލަދޭޝް އިން ރާއްޖެ އަންނަ ނަމަ 14 ދުވަސް ވަންދެން އެމީހަކު އެކަހެރި ކޮށްފައި ބަހައްޓަން ނިންމާފައެވެ.

ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހިން އެކިއެކި ބޭނުންތަކުގައި ދިރިއުޅެމުން އަންނައިރު ދިވެހި ސަރުކާރުން މިހާރު ވަނީ ބަންގްލަދޭޝް އިން ރާއްޖެ އަންނަ ބޭނުންވާ ދިވެހިން ފޮރިން މިނިސްޓްރީ އަށް ގުޅައިގެން މައުލޫމާތު ސާފުކުރަން އެދިފައެވެ.

ރާއްޖެއިން  ކޮވިޑް-19 މިހާތަނަށް އަށް މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ބަތަލާ ރިސޯޓުގެ ދެ މީހަކާއި އަދި އެންމެ ފަހުން އެ ބަލި ފެނުނު ކުރަމަތި ރިސޯޓުގެ ދެ މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.