English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ތަން - ފޮޓޯ: އަވަސް

އިޓަލީ ވިލާތުން މިއަދު ހެނދުނު ދިވެހިރާއްޖެ އަށް އައި 2 ދިވެހީން ކަރަންޓީން ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި 2 ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާއިރު މިއަދާއި ހަމައަށް ރާއްޖޭގައި ވަނީ މި ބައްޔަށް ފައްސި(ޕޮޒިޓިވް) ވެގެން 8 މީހަކު ކަރަންޓީންކޮށްފަ އެވެ. އަދި ބައްޔަށް ޝައްކު ކުރެވިގެން 11 މީހުން ވިލިވަރު ގައި ކަރަންޓީން ކޮށްފައިވާއިރު ފަރުކޮޅު ގައި 15 މީހުން އެކަހެރިކޮށްފައި އެބަ ތިއްބެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިފައި 118,582 މީހުން ތިބިއިރު މިހާތަނަށް 4،262 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 64,404 މީހުން ވަނީ ވައިރަހުން އެއްކޮށް ރަނގަޅު ވެފައެވެ.