English Edition
Dhivehi Edition
10 މާރިޗު 2020ގައި ފުލުހުންނާއެކު އީސީން ބޭއްވެވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އީސީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް މެންބަރުން ހޯދަން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް ތިން މެންބަރުންނާއި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ތިން މެންބަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ސިޓީ ކައުންސިލް އިދާރާގައި ކަމަށާއި، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ ވެރިޔާއަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ އަދި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާ ލިބޭނެ ކަމަށްވެސް އީސީން ބުނެއެވެ.

އީސީން ބުނީ އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހުގެ 10 ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 07 ދުވަސް (ޖުމްލަ 17 ދުވަސް) ވަންދެން އަދި އެމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް އެފަރާތްތަކުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު އެއް އަހަރު ދުވަހުގެ ކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން ޢައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުމުގެ އިތުރުން އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން އަދި ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމެވެ.

އެ މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު  2020 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއަށް، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.

1 ކޮމެންޓް
Oi
މާޗް 11, 2020
Miyah bondo Bali gandaki ethere es thekan kerau