English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި  އޭނާއާއި ބެހޭ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މޯލްޑިވްސް ޕޮލިސް ސަރވިސް ގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ފުލުހުން އެ ތަޙްޤީޤު ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން ދަނިކޮށް، 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ ވަގުތެއްގައި ދިވެހިރާއްޖެ އައިސް، ޅ.ކުރެއްދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާ ގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ 2020 މާރޗް 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޚްޤީޤު ކުރަން ފަށާފައިވާކަމަށެވެ.

ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު، ކޮރޯނާވައިރަސް(ކޮވިޑް-19) ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމުން ފެނި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު މި ނުރައްކާތެރި ވައިރަސް ދިވެހިރާއްޖެއިންވެސް ވަނީ ފެނިފައެވެ. އަދި މި ވައިރަސް ޖެހިގެން 6 މީހަކު ރާއްޖޭގައި ކަރަންޓީން ކޮށްފައިވާއިރު މި ވައިރަހާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ނެރުނު ވައިރަހުގެ ބިރުވެރިކަން ވަޒަންކުރާ މިންގަނޑުން މުޅި ރާއްޖެއަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި ވައިރަސް ރާއްޖެއިން ފެނުނު ރަށަށް އޮރެންޖު ސަމާލު ނެރެފައިވާއިރު ރާއްޖޭގައި މިހާރު ވަނީ އެއްވެއުޅުންތައް ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައެވެ.