English Edition
Dhivehi Edition
13 އޭޕްރީލް 2019ގައި ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ކެންސަލްކޮށްފި އެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތަން ތައްޔާރުކޮށްދީ، ސައުންޑް އަދި ލައިޓިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށާއި، އެ ޖަލްސާގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން އިއުލާންކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ނަމަވެސް މިއަދު ހޯމް މިނިސްޓްރީން ވަނީ އެ ދެ އިއުލާންވެސް ބާތިލްކޮށްފަ އެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ ކޮރޯނާވައިރަސް އައުޓްބްރޭކާއި ގުޅިގެން 1 ޝައުބާން 1441، 24 މާރިޗު 2020 ވާ އަންގާރަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ، މިހާރު ކެންސަލް ކުރެވިފައިވާ ކަމަށެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 ވަނީ މިހާރު ރާއްޖެއިންވެސް ފެނިފައެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114,571 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,029 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.