English Edition
Dhivehi Edition
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް - ފޮޓޯ: އެމްޑަބްލިޔުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ އޮންލައިން ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއެކު، ރާއްޖޭގައި އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާ މިދަނޑިވަޅުގައި، އެކަމަށް އަހުލުވެރިވެ ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ކަސްޓަމަރުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ކަސްޓަމަރ ސަރވިސް ކައުންޓަރަށް ވަޑައިގަތުމުގެ ބަދަލުގައި، އެ ކުންފުނީގެ މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުންހިފުމަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.

އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބަލާލެވި ކިޔޫގައި މަޑުނުކޮށް ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލަށް ފައިސާ ދައްކާލެވޭނެ އެވެ.

މީގެ އިތުރުން އޮންލައިން ޚިދުމަތުގެ ޒަރިއްޔާއިން އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ގޭގައި ތިބެގެން ޚިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. އަދި ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވުމަށް، 24 ގަޑިއިރު ގުޅޭ އެކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރަށް (105) ގުޅުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިފަދަ ދަނޑިވަޅުތަކުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ ޢަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި އެކުންފުނީގެ ޚިދުމަތް ހޯދައި ލިބިގަތުމުގައި އޮންލައިން ވަސީލަތްތަކުގެ ބޭނުން ހިފައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.