English Edition
Dhivehi Edition
test

ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ”ގެ ނަމުގައި ފުޓްސެލް އަދި ވޮލީ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސެލް އަދި ވޮލީ މުބާރާތުގައި އަންހެން ބޭފުޅުންނަށް ހާއްސަ ވޮލީ މުބާރާތަކާއި، ފިރިހެން ބޭފުޅުންނަށް ހާއްސަ ފުޓްސެލް މުބާރާތެއް އޮންނާނެއެވެ. މި މުބާރާތްތައް ފެށޭނީ އަންނަ އޮކްޓޯބަރު ތެރޭގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ.

މި ދެ މުބާރާތް ރާވާލެވިފައި އޮތް ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ކުޅޭނީ އަތޮޅު މުބާރާތެވެ. އެ އަތޮޅު މުބާރާތް ނިމުމަށްފަހު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމް ދާނީ ޒޯން މުބާރާތަށެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޒޯން މުބާރާތް ކުޅުމަށް ހަ ޒޯނަކަށް ބަހާލާފައިވާ ކަމަށެވެ. އެގޮތުން ޒޯން ޗެމްޕިއަންއަށް އަތޮޅު ތަކުން ހޮވޭ ފަސް ޓީމާއި މާލެ ޒޯން އިން ހޮވޭ ޓީމާއެކު މި މުބާރާތުގެ ފައިނަލް އޮންނާނީ މާލޭގައެވެ.

މި މުބާރާތް ރޭވިފައި އޮތް ގޮތުން އޮތޮޅު ފެންވަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50 ހާސް ރުފިޔާ ލިބޭއިރު. ދެވަނަ ޓީމަށް 30 ހާސް ރުފިޔާ އަދި ތިން ވަނަ ޓީމަށް 20 ހާސް ރުފިޔާ ލިބޭނެއެވެ.

އަދި ޒޯން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ އިނާމެއް ލިބޭނެކަމަށާއި، ދެވަނަ ޓީމަށް 75 ހާސް ރުފިޔާ އަދި ތިން ވަނަ ޓީމަށް 50 ހާސް ރުފިޔާ ލިބިގެންދާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މާލޭގައި ކުރިއަށްދާ މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެކަމަށާއި، ދެ ވަނަ ޓީމަށް ދޮޅުލައްކަ ރުފިޔާ އަދި ތިން ވަނަ ޓީމަށް 75 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި މުބާރާތް ރާވާ ހިންގާނީ ޕީޕީއެމް އިންނެވެ. މިއީ ސިޔާސީ ހަރަކާތަކަށްވުރެ ބޮޑަށް ބަލަނީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެވޭތޯ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.