English Edition
Dhivehi Edition

އެކަކުގެ ގައިން އަނެކަކަށް ހަލުވިކަމާއެކު ފެތުރިގެންދާ ކޮވިޑް-19 އާއި ގުޅިގެން އެންމެ އަވަހަށް ހުސްވެގެން ދިޔަ އެކައްޗަކީ ފޭސް މާސްކެވެ. ގިނަ ބަޔަކު ފޭސް މާސްު ގިނަ އަދަދަކަށް ގަނެ ރައްކާކޮށްފައިވާއިރު އޭގެ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލި ރަނގަޅު ވިޔަފާރިއަކަށް ވެފައެވެ. ބައެއް ގައުމުތަކުގައި ބްލެކް މާކެޓްގައި ފޭސްކު މާސްކު ވިއްކަމުން އަންނައިރު ދާދި ފަހުން ތައިލެންޑުގައި ވަނީ ބޭނުންކޮށްފައިވާ ފޭސްކު މާސްކުތަކެއް އިސްތިރިކޮށްގެން އަލުން ވިއްކާ މައްސަލައެއްވެސް ފެންމަތިވެފައެވެ.

މިކަމާގުޅިގެން އިންފެކްޝަން ޕްރިވެންޝަން ސްޕެޝަލިސްޓެއް ކަމުގައިވާ ޑޮކްޓަރ އެލި ޕެރެންސެވިޗް ވިދާޅުވެފައިވަނީ ކޮރޯނާވައިރަހުން ސަލާމަތް ވުމަށް “N95 މާސްކު” ، ރެސްޕިރޭޓަރީ މާސްކު، ސާޖިކަލް މާސްކު އަދި ފޭސް މާސްކު ބޭނުންކުރުމަކީ މުހިއްމު ކަމެއް ނޫންކަމަށެވެ.

“ފޭސް މާސްކު އެޅުމަށް ވުރެ ނޭޅުން އެންމެ ބުއްދިވެރި ގޮތަކީ. އާދައިގެ ސިއްހަތެއްގައި ހުރި މީހަކަށް ފޭސް މާސްކު ބޭނުމެއް ނުވާނެ. އަދި މިހާތަނަށް ހޯދި ހޯދުމުން ނެތް ފޭސް މާސްކު އެޅުމުން ބަލިން ރައްކާތެރިވެވޭނެ ކަމަށް. ގިނަ ފަހަރު މިފަދަ މާސްކު އަޅަނީ ނުބައިކޮށް. އަދި ފޭސް މާސްކު އޮތުމުން އުނދަގޫ ވެގެން ގިނަ ގިނައިން މޫނުގައި އަތްލެވޭތަން އާދޭ. މީގައި އެންމެ މުހިއްމީ ދެއަތް ސަލާމަތުން އޮތުން”  ޑރ ވިދާޅުވެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ލޮވާސް ކޮލެޖް އޮފް މެޑިސިންގެ ޕްރޮފެސަރެއް ކަމުގައިވާ މި ޑޮކްޓަރު ގަބޫލު ކުރައްވަވާ ގޮތުގައި މާސްކު އަޅަން ޖެހެނީ ސިއްހަތު ސަލާމަތުން ތިބި މީހުންގެ ބަދަލުގައި ބަލި މީހުންނެވެ.

“ކޮރޯނާވައިރަސް އަކީ ވައިގެ ތެރޭގައި ދަތުރުކުރާ އެއްޗެއްނޫން. މި ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ ޑްރޮޕްލެޓްސް އިން. މާނައަކީ ހާމަ ވައިގެ ތެރެއަށް ނޭވާލުމަކުން ބަލި ނުޖެހޭނެ ކަން. ބައްޔަށް ޝައްކު ކުރެވޭނަމަ އަވަހަށް މާސްކު އަޅަންވީ. އެއީ ފަހަރެއްގައި ވެސް ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ކުޅު ތަންތަނުގައި ހޭކިދާނެތީ. ކިރިޔާވެސް ބަލީގެ ނިޝާނެއް ފެނިއްޖެނަމަ އެމީހަކު އަވަހަށް މާސްކު އަޅަންވީ” ޑޮކްޓަރ ވިދާޅުވެފައިވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަހުން ސަލާމަތް ވުމަށް އެންމެ ރައްކާތެރި ގޮތަކީ ގިނަގިނައިން އަތް ދޮތުމެވެ. ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެ ދެއަތް ރައްކާތެރިކުރުމެވެ. އޭގެ ސަބަބުން ވައިރަސް ހުރި ތަނެއްގައި އަތް ލެވިފައިވިޔަސް އަތް ސާފުކޮށްލުމުން ވައިރަހުގެ އަސަރު އަތުން ފިލައިގެން ދާނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

“ގިނަ ގިނައިން އަތް ދޮންނަންވީ. އަދި އަތް ނުދޮވެ ހުންނަ ވަގުތު މޫނުގައި އަތްނުލައި ވޭތޯ ބަލަން ޖެހެނީ. ސައިބޯނިން އަތް ދޮވޭނެ ގޮތް ނެތް ވަގުތު ތަކުގައި ސެނެޓައިޒާ ބޭނުންކުރަންވީ. ނޭވާ ލުމަކުން މި ވައިރަސް ހަށިގަނޑުގެ ތެރެއަކަށް ނުދާނެ. މި ވައިރަސް އަރަނީ ޖަރާސީމު ހުރި ތަނެއްގައި އަތް ލެވިގެން އަދި އަތުން މޫނާއި ނޭފަތާއި އަނގައިގައި ހޭކިގެން. ހަމަ އެހެންމެ މީހަކު ކެއްސާ ކިނބިހި އަޅާތަން ފެނިއްޖެނަމަ އެމީހަކާއި ގާތްގަނޑަކަށް 3 ފޫޓު ވަރަކަށް ދުރުގައި ހުރެވޭތޯ ބަލަން ޖެހެނީ. ސަބަބަކީ ކުޅުތިއްކެއް ހަށިގަނޑުގައި އައިސް ހޭކިދާނެތީ” ޑޮކްޓަރ ޕެރެންސެވިޗް ވިދާޅުވެއެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 112 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,954 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,730 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,893 އެވެ.