English Edition
Dhivehi Edition

ޝަރަފުއްދީން ސްކޫލުގެ އަންހެން މުވައްޒަފުންނަށް ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހު ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

ޝަރަފުއްދީން ސްކޫލްގެ ބައެއް އަންހެން މުވައްޒަފުން ‘ސަޕްރައިޒެއް’ ލިބިއްޖެ ކަމުގައި ބުނެ ފޭސްބުކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވާހަކަތައް ފެނުމުން، ވެގެން އުޅޭގޮތެއް އޮޅުންފިލުވާލީމެވެ. ޚަބަރު ލިބުނުގޮތުގައި އެ މުވައްޒަފުން ހީވެސް ނުކުރާފަދަ ގޮތަކަށް ސްކޫލުގެ ފިރިހެން މުވައްޒަފުން އަންހެނުންގެ ދުވަސް ފާހަގަކޮށް ހަދިޔާ ދެއްވީއެވެ.

ޝަރަފުއްދީން ސްކޫލުގައި މަސައްކަތް ކުރާ ކަނބަލަކު މިކަމާބެހޭގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ދުވަސްކޮޅަކީ ސްކޫލު ބަންދު ދުވަސްކޮޅެއް ކަމުން ގޭގައި އާންމު ދިރިއުޅުމާއިގެން އުޅެނިކޮށް އިއްޔެ ކުއްލިޔަކަށް ސްކޫލުގެ ލީޑިން ޓީޗަރެއްގެ ފޯނުކޯލެއް ލިބުނު ކަމަށެވެ. އަދި ވަރަށް މުހިއްމު ބޭނުމަކު ވަރަށް އަވަހަށް ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ދެންނެވުމުން އެވަގުތު ހުރި ތަނަށް އައިސް ބައްދަލު ކުރަން އެއްބަސް ވުމުން އެތަނަށް ސްކޫލުގެ ޕްރިންސިޕަލާއި ސްކޫލުގެ ހުރިހާ ފިރިހެން މުވައްޒަފުން ހާޒިރުވެ ހައިރާން ކޮއްލި ކަމަށެވެ. އަދި އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކިޔުމަށްފަހު ހަދިޔާދިން ކަމަށާއި ދުހަވަށް ޚާއްޞަކޮށްފައިވާ ފްރޭމާއިއެކު އޭނާގެ ފޮޓޯ ނެގި ކަމަށެވެ. އެ މުވައްޒަފު ބުނީ “ލިބުނީ ކުއްލި ހައިރާން ކަމެއް! ވަރަށް އުފާވި! ޕްރިންސިޕަލާއި ހުރިހާ ފިރިހެން މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން” އޭނާ އިތުރަށް ބުނީ “ސްކޫލުގެ ހުރިހާ އަންހެން މުވައްޒަފުންނަށްވެސް ހަމަ މިގޮތަށް ސަޕްރަައިޒް ދިނީ! އެބޭފުޅުން ވަރަށް ކުޅަދާނަ! ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ދިރިއުޅޭ ސްކޫލުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ވަކަ ވަކިން ޒިޔާރަތްކުރެއްވި! އެންމެންވެސް ވަރަށް އުފާކުރި”


ޝަރަފުއްދީން ސްކޫލުން ހިންގި މިހަރަކާތާއި ބެހޭގޮތުން ސްކޫލުގެ ޕްރިންސިޕަލް ހުސެއިން މުސައްވިރު ވިދާޅުވީ ” އެޑިޔުކޭޝަން ދާއިރާގައި ކަނބަލުންގެ ހިއްޞާ ވަރަށްބޮޑު! އެހެންކަމުން ޝަރަފުއްދީން ސްކޫލްގެ ހުރިހާ ފިރިހެން މުވައްޒަފުން ބައިވެރިވެގެން ޝަރަފުއްދީން ސްކޫލްގައި މަސައްކަތް ކުރައްވާ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަން ކޮށް މަސައްކަތަށް ހިތްވަރު ދިނުމަށް ހިންގި ހަރަކާތެއް މިއީ. އަޅުގަނޑު ދަންނަވާނީ ކަނބަލުންގެ އަގު ވަޒަން ކުރުމަށް ޚާއްޞަ ދުވަހެއް އޮތުމަކީ މުހިއްމު ކަމެކޭ! އެ ހުރިހާ ކަނބަލުން އަޅުގަނޑުމެންގެ މި މަސައްކަތް ބަލައިގަތީ ވަރަށް އުފަލުން ޝުކުރުވެރިވަމުން! ސްކޫލް ވައިބަރ ގުރޫޕުގައި އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމް ތަކުގައިވެސް ބައެއް މުވައްޒަފުން އިހުސާސްތައް ހިއްޞާކޮށް ޝުކުރު އަދާކޮށްފައިވޭ! މި ހަރަކާތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު. އެހެންކަމުން އަޅުގަނޑު ދަންނަވާނީ މިއީ ފައިދާހުރި ވަރަށް ކާމިޔާބު ހަރަކާތެކޭ”

ސްކޫލުގެ އަންހެން މުވައްޒަފުންނަށް ‘ސަޕްރައިޒް’ ދިނުމުގައި ހަރަކާތްތެރިވި ޓީމުގެ މެމްބަރެއް ކަމުގައިވާ އެ ސްކޫލުގެ ލީޑިން ޓީޗަރ ޞަފްވާން ޝަފީޤު އޭއޯނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ” ކޮންމެ ދުވަހަކީވެސް ޝަރަފުއްދީން ސްކޫލުގައި ކަނބަލުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރާ ދުވަހެއް. އިއްޔެއަކީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ކަމަށްވާތީ އިއްޔެ އަޅުގަނޑުމެން ބޭނުންވީ ވަރަށް ތަފާތު ގޮތަކަށް ހުރިހާ އަންހެން މުވައްޒަފުންނަށްވެސް ދުވަހުގެ ތަހުނިޔާ ކިޔައި ކަނބަލުންނަކީ މުހިއްމު ބައެއްކަން ހާމަކޮށްދީ އެކަނބަލުންގެ އަގު ވަޒަންކުރާކަން ހާމަކޮށްދޭން. ކަނބަލުންގެ މަސައްކަތަށް ހިތްވަރު ދޭން” އޭނާ އިތުރަށް ވިދާޅުވީ ޝަރަފުއްދީން ސްކޫލުގެ ހުރިހާ ފިރިހެން ސްޓާފުންވެސް މި ހަރަކާތުގައި ބައިވެރިވީކަމަށެވެ. އަދި ސްކޫލުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ކަނބަލުން ކަމަށާއި އެ 139 މުވައްޒަފުންގެ ގެއަށް އިއްޔެ ޒިޔާރަތް ކުރި ކަމަށެވެ. ” އިއްޔެ މެންދުރު 13:30ގައި ފެށި މި ހަރަކާތް އަޅުގަނޑުމެންނަށް ނިންމާލެވުނީ ރޭ 10:30 ގައި. މިއީ ހުރިހާ ފިރިހެން ބޭފުޅުންގެ އެއްބާރުލުން ލިބުނު ވަރަށް އުފާވެރި ވަރަށް ކާމިޔާބު ހަރަކާތެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

8މާރިޗް އަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެވެ. ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް އެކި ފެންވަރުގައި ތަފާތު ހަރަކާތްތަކާއެކު ފާގަކުރެއެވެ. ޝަރަފުއްދީން ސްކޫލުންވެސް މިއޮތީ އިއްޔެ ސްކޫލުގެ މުވައްޒަފުންނަށް އަންހެނުންގެ ދުވަހު ހައިރާންކަމެއްދީ އެ ކަނބަލުންގެ އަގު ވަޒަން ކުރާކަން ހާމަކޮށްދީ ކަނބަލުންނަށް އުފާވެރިކަން ގެނެސް ދީފައެވެ.