English Edition
Dhivehi Edition
އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އޭޑީކޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސްގެ ސަބަބުން އައިސީޔޫ އާއި ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން އެ ތަންތަނަށް ޒިޔާރަތް ކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި ކަމަށެވެ.

މީގެ އިތުރުން ޕްރައިވެޓް ރޫމާއި ވޯޑްތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނާއި އެހީތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ބަލިމީހާ ގާތުގައި އެހީތެރިއެއްގެ ގޮތުގައި އެންމެ ބޭފުޅަކު މަޑުކުރެއްވުމަށްވެސް އޭޑީކޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރުންވެސް ވީހާވެސް މަދުކުރެއްވުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ވެސް ވަނީ ކޮވިޑް-19 ވައިރަސްގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތް ކުރުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިންވެސް ހަތަރު މީހަކު މިހާރު ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި މިހާރު 30 ކޮޓަރީގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއްވެސް ޤާއިމްކުރެވިފައިވާ ކަމަށެވެ.