English Edition
Dhivehi Edition

ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް އިންޑިއާގެ ކެރެލާގައި އުމުރުން 3 އަހަރުގެ ކުޑަކުއްޖަކު ޕޮޒިޓިވް ވެއްޖެކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެކުއްޖާއަށް ވައިރަސް ޖެހިފައިވާ ކަން އެނގުނީ މި މަހުގެ 7 ވަނަ ދުވަހު ބެލެނިވެރިންނާއެކު އިޓަލީން އެނބުރި އިންޑިއާއަށް އައުމުން ކޮޗިން އެއާޕޯޓުން ކުރި ސްކްރީނުންނެވެ.

“މިހާރު އެކުއްޖާވަނީ އާނަކުލަމް މެޑިކަލް ކޮލެޖްގައި އައިސޮލޭޓް ކޮށްފައި އަދި އެކުއްޖާގެ މައިންބަފައިން ވެސް ވަނީ އޮބްޒަވޭޝަނަށް އައިސޮލޭޓް ކުރެވިފައި” މެޑިކަލް ކޮލެޖްގެ އޮފިސަރަކާ ހަވާލާދީ ކެރެލާގެ ނޫސްތަކުން ބުނެފައިވެއެވެ.

މި ކޭސް އާއެކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިންޑިއާގައި 40 އަށް ވަނީ އަރާފައެވެ. އަދި މިއީ އިންޑިއާގައި ކުޑަކުއްޖަކަށް މި ވައިރަސް ޖެހުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު ކެރެލާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 6 އަކަށް އިތުރުވެފައެވެ. ކެރެލާގެ އިތުރުން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ދިއްލީ، ޖައިޕޫރު، އާގަރާ އަދި ޓެލަންގަނާ އިންނެވެ.