English Edition
Dhivehi Edition
ހެލްތު މިނިސްޓްރީގެ އިމާރާތް - ފޮޓޯ: ސަން

ކޮރޯނާވައިރަސް އާއި ގުޅިގެން، އެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސްޓާފުންނާއި ވޮލެންޓިއަރުންގެ ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތައް މާރިޗު 09 ވާ ހޯމަ ދުވަހުން ފެށިގެން މާރިޗު 10 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ އެ މިނިސްޓްރީގެ ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރަންޖެހޭނެ ކަމަށެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެކަމާއި ގުޅޭ މައުލޫމާތު ކަރުދާސް ގެެޒެޓް ކޮށްފައިވާއިރު، މާރިޗު 11 ވާ ބުދަ ދުވަހު ހެނދުނުު 09:30 ގައި ޕްރީބިޑް ސެޝަންއެއް ހެލްތު މިނިސްޓްރީިގައި އޮންނާނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާރިޗު 15 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 ގައި އެ މިނިސްޓްރީގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެމީހުން ވަނީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި ރޭވެސް ށ. ފޯކައިދޫންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުންވެސް ކޯވިޑް-19އަށް ޓެސްޓުކުރި ތިން ބިދޭސިންގެ ތެރެއިން އެކަކުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، ދެ މީހެއްގެ ނަތީޖާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ބަތަލާ ރިސޯޓް މިހާރު އޮތީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި އެ ރިސޯޓްގައި 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައި ތިބި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ ވިދާޅުވެފައެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 110,099 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،831 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.