English Edition
Dhivehi Edition
ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން - ފޮޓޯ: މަޖިލިސް

މިއީ ކޮވިޑް-19 ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތެއް ނޫން ކަމަށާއި، އެކަމުގެ ވަގުތު އަދި އަންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޣައްސާން ވިދާޅުވެފައި ވަނީ މިވަގުތު އެންމެން މަސައްކަތް ކުރަންވީ އެއް އަމާޒަކަށް، މި ބަލި ފެތުރުނަ ނުދޭން ކަމަށެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް ކަށަވަރު ކުރެވިއްޖެނަމަ، އެއްފަސްކޮށް އުފެދިފައިވާ ޤައުމުތަކަށްވުރެ ކޮވިޑް-19 ކޮންޓެއިން ކުރުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ.

“އިހުމާލުވެއްޖެ ނަމަ އެކަމުގެ ހިތި އޮތީ ހުރިހާ ދިވެހިންނަށް”، ޣައްސާން ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެމީހުން ވަނީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި ރޭވެސް ށ. ފޯކައިދޫންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުންވެސް ކޯވިޑް-19އަށް ޓެސްޓުކުރި ތިން ބިދޭސިންގެ ތެރެއިން އެކަކުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، ދެ މީހެއްގެ ނަތީޖާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ބަތަލާ ރިސޯޓް މިހާރު އޮތީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި އެ ރިސޯޓްގައި 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައި ތިބި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ ވިދާޅުވެފައެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 110,071 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،830 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.