English Edition
Dhivehi Edition
ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓް - ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސެންޑީޒް ބަތަލާ ރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކުރި ތިން ބިދޭސިންގެ ތެރެއިން އެކަކުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، ދެ މީހެއްގެ ނަތީޖާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

 

ބަތަލާ ރިސޯޓް މިހާރު އޮތީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. އަދި އެ ރިސޯޓްގައި 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައި ތިބި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ ވިދާޅުވެފައެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެމީހުން ވަނީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި ރޭވެސް ށ. ފޯކައިދޫންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރެކަށް އަރައިފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 110,071 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،830 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.