English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކޮށްފައިވާ މަސްޖިދުލް ކައުޘަރު - ފޮޓޯ: ޕީއެސްއެމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިސްކިތުގެ ޖަމާޢަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރުނުވުމަށް އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި އިތުރަށް ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުންައައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހި އަޅާ މީހުންނާއި، ކަރަންޓީނުކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާންމުން އެއްވެ އުޅެ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމޢާތަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

“މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި މިމަގަށް ބާރުއަޅާފައިވާ ކަންކަމެވެ. އެގޮތުން ބަލާއިރު ފިޔާ ލޮނުމެދު ފަދަތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާޢަތަށް ދިއުންވަނީ މަނާ ކުރެވިފައެވެ. އެހެންކަމަށްވާނަމަ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާވައިރަސް) ފަދަ ނުރައްކާތެރި ވައިރަހެއްގެ ޢަލާމާތްތައް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާޢަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މާތްﷲ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ ޢަލާމާތްތައް ފެންނަ ހިނދު، ތިބާ މިސްކިތުގެ ޖަމާޢަތުން އެއްކިބާވެ ކުރާ ނަމާދަށް، ތިބާ ފުރިހަމަ ޞިއްޙަތެއްގައި ވީ ހިނދު، މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ސަވާބު ލިބިގެންދާނެ އެވެ.”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ﷲގެ ރަޙުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ދުޢާކޮށް އުޅުމަށް ނަޞޭޙަތްތެރިވެފަ އެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މަޢުލޫމާތު ޢިލްމުވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯޜުކޮށްދެމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ރާއްޖެއިން މިހާތަނަށް ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ މީހުންނަކީވެސް ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފުން ކަމަށްވާއިރު، އެމީހުން ވަނީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އަދި މިރޭވެސް ށ. ފޯކައިދޫންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 108,139 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،669 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.