English Edition
Dhivehi Edition
ޗޭނު ޖަމިއްޔާއިން އަންހެނުންނަށް ބޭއްވި ހަވީރު- ފޮޓޯ: ލުބްނާ/ އޭއޯނިއުސް

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މީދޫގެ އަންހެނުންނަށް މައުލޫމާތު ދިނުމުގެ ހަވީރެއް  ބާއްވައިފިއެވެ.

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހަށް ޚާއްސަކޮށްގެން އިއްޔެ ކާޑުގޭ ގޯތިތެރޭގައި ބޭއްވި ހަވީރުގައި، މިހާރު މުޅިދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ “ކޮވިޑް-19” އާއި ބެހޭގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

ބައިވެރިންނަށް މައުލޫމާތު ދެއްވީ އައްޑުސިޓީ އީކުއޭޓަރަލް ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުޚައްމަދު ނަޖީބް، ކޮމިއުނިޓީ ހެލްތް އޮފިސަރ މުޙައްމަދު ޝިއާޒްގެ އިތުރުން މީދޫގެ ސިއްޙީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އާމިނަތު މުޙައްމަދު ދީދީ އެވެ. މިހަވީރުގައި ބައިވެރިންނަށް ދެއްވި މަޢުލޫމާތު ތަކުގެތެރޭގައި ކޮރޯނާވައިރަސްގެ ނުރައްކާތެރިކާމާއި އެބަލިން ސަލާމަތް ވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ އެންމެހައި ކަންތައް ތަކުގެ މަޢުލޫމާތު އެދެބޭފުޅުން ވަނީ ދެއްވާފައެވެ. މީގެ އިތުރުން ސިއްޙީ އެހެނިހެން ބަލިތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައް ތަކުގެ މަޢުލޫމާތު އަދި ކަސްރަތު ކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ވެސް އެފަރާތުން ވަނީ ދެއްވާފައެވެ.

މަޢުލޫމާތު ދެއްވުމަށްފަހު ކޮމިއުނިޓީ ހެލްތް އޮފިސަރ މުޚައްމަދު ޝިއާޒް ވަނީ، ބަލިބަލިން ދުރުހެލިވެ ތިބުމަށް އަތްދޮންނާނެ ގޮތް ބައިވެރިންނަށް ދަސްކޮށް ދެއްވާފައެވެ.

މިހަވީރު ނިންމާލުމުގެ ކުރިން ބައިވެރިންގެ ލޭގެ ޕްރެޝަރ އަދި ހަކުރު ހުރި މިންވަރު ބެލޭނެގޮތާއި، ސައި ވަނީ ޗޭނުޖަމިއްޔާއިން ހަމަޖައްސައި ދެއްވާފައެވެ. އެގޮތުން ބައިވެރިންގެ ލޭގެ ޕްރެޝަރ އަދި ހަކުރު ހުރި މިންވަރު ޓެސްޓް ކޮށް ދެއްވީ އެދާއިރާގެ ތަޖުރިބާހުރި ދެ ބޭފުޅުން ކަމަށްވާ ގަދިމާ ރަޝީދު އަދި މަރިޔަމް މުޙައްމަދު ދީދީއެވެ.

މީދޫ އެކުވެރިންގެ ޗޭނަކީ މީދޫގެ އަންހެނުން ބާރުވެރިކުރުމާއި ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ ހީވާގި ޖަމިއްޔާއެކެވެ.