English Edition
Dhivehi Edition
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 ބައްޔާއި ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސްގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތް ކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާއާއެކު މަޑުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައިވެސް ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ނުޖެހޭނަމަ ހޮސްޕިޓަލަށް ވަޑައިނުގަތުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިންވެސް ދެ މީހަކު މިހާރު ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި މިހާރު 30 ކޮޓަރީގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއްވެސް ޤާއިމްކުރެވިފައިވާ ކަމަށެވެ.