English Edition
Dhivehi Edition
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ވިލިވަރުގައި 30 ކޮޓަރީގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ތައްޔާރީކޮށް ނިމިފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިކަން މިނިސްޓަރ ޢަލީ ވަހީދު ހާމަކުރައްވާފައި ވަނީ ކޮވިޑް-19 ބައްޔަށް ދުރާލާ ސަރުކާރުން ވެފައިވާ ތައްޔާރީތަކާބެހޭ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 ބައްޔަށް ރާއްޖޭގެ ރިސޯޓަކުން ދެ މީހަކު ޕޮޒިޓިވްވެ، އެރަށަށް އަރާފޭބުން ވަގުތީގޮތުން ބަންދުކޮށްފައި ވީނަމަވެސް ކަންކަން އިންތިޒާމުކުރެވިފައި ވާނީ ތަން ހުއްޓުމަކަށް ނާންނާނެ ގޮތަށް ވިސްނަވައިގެން ކަމަށެވެ. އެގޮތުން އެރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި، ފޯރުކޮށްދިނުމާއި އަދި އެރަށުގައި ތިބި ފަތުރުވެރިންނާއި ރިޒޯޓުގެ މުވައްޒަފުންނަށްވެސް ދަތިނުވާނޭ ގޮތަށް ކަންކަން އިންތިޒާމުކުރައްވާފައިވާކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޢަލީ ވަހީދު ވަނީ މި ބައްޔާއި ކުރިމަތިލުމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި ދޫކުރުމަށް، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެކަނިވެސް، މިހާރު ބައިމިލިޔަނެއްހާ މާސްކް ރައްކާކޮށްފައިވާނެ ކަމަށާއި، ބޭހާއި ކާބޯތަކެތި ފަދަ ތަކެތިވެސް ރައްޔިތުންނަށް ދަތިނުވާނެ މިންވަރަށް ސަރުކާރުން ދުރާލާ ހޯއްދަވާފައިވާކަން މިނިސްޓަރ ޢަލީ ވަހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބަލިމިހުންނާއި ބައްޔަށް ޝައްކުކުރެވޭ މީހުން ކަރަންޓީނު ކުރުމަށް އިތުރު ފެސިލިޓީތައް ތައްޔާރީ ޙާލަތުގައި ހުރިކަން ފާހަގަކުރައްވައި މިހާރު ވިލިވަރުގައި 30 ކޮޓަރީގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ތައްޔާރީކޮށް ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި ބައެއް ރިޒޯޓްތަކުގެ ތެރޭންވެސް، މިކަމަށް ބޭނުންކުރެވޭނެ ތަންތަން ބައްލަވަމުން ގެންދަވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އިޓަލީވިލާތުން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން މެދުކަނޑާލުމުގެ ކުރިން، އެޤައުމުން ރާއްޖެއައިސްފައިވާ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާކަން މިނިސްޓަރ ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވަނީ ކޮވިޑް-19އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ، އެ ފަރާތަކުން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ޙިއްޞާކޮށްދެއްވުމަށާއި ރިޒޯޓްތަކާއި ރަށްރަށުންވެސް މިކަމާބެހޭ މަޢުލޫމާތުތައް ލަސްނުކޮށް ދުވަހުން ދުވަހަށް ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރައްވަމުން ގެންދެވުމަށް އިލްތިމާސްކުރައްވާފައެވެ.