English Edition
Dhivehi Edition
08 މާރިޗު 2020ގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ އިންފޮމޭޝަން ސެޝަންގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ އިންފޮމޭޝަން ސެޝަންގައި އެ މަޢުލޫމާތު ޙިއްޞާ ކުރެއްވީ، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި، އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިސް ބޭފުޅުން ކަމަށެވެ.

އެގޮތުން ކޮވިޑް-19 އަށް ރާއްޖެއިން މިހާރު ދެ މީހަކު ޕޮޒިޓިވްވެފައިވުމާއެކު، މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، މި ބަލި ދުނިޔޭގައި ފެތުރެމުންދާ މިންވަރާއި، އަދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، މި ބަލި ކޮންޓްރޯލްނުވެ ކުރިއަށްދާ ކަމަށްވާނަމަ، ކަންތައްތައް ގެންދަވަން ރާއްވަވާފައިވާ ގޮތުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންނާ ޙިއްޞާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިކަމަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ފާހަގަކުރައްވައި، އަދި ކުރިއަށް އޮތް ތާނގައި އެޅުއްވިދާނެ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލެއްވި ކަމަށާއި، އެ ބަލީގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވައި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅު ހުށަހެޅުއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.