English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ބިދޭސިން ނުގެންގުޅުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ “ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ” ޤާނޫނާއި ޚިލާފަށް އައްޑޫ ސިޓީގައި ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ޤާނޫނާއި ޚިލާފަށް އަމަލުނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެގޮތަށް އަމަލު ކުރާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު”ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

“ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ” ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބިދޭސީއަކު މަސައްކަތް ކުރުމަށް ވާކް ވިޒާ އޮންނަން ޖެހޭނެއެވެ. މީގެ އިތުރުން އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަ ދީފައިވާ ބިދޭސީއެއްގެ ހުއްދަ ބާޠިލްވެފައިވަނިކޮށް ރާއްޖޭގައި ހުރުމަކީ މަނާ ކަމެކެވެ. އަދި އެ ޤާނޫނުގެ 30 ވަނަ މާއްދާގެ 1 ގައި ވާގޮތުން ރާއްޖެ އެރެތެވުމުގެ ހުއްދަނެތް ނުވަތަ މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެއް ކަމަށްވާއިރު، އެ މާއްދާގެ 2 ގައި ވާގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ވެސް މަނާކަމެކެވެ.