English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދަސްވެނިވި ދަރިވަރުންތަކެއް - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ފަސްކޮށްފި އެވެ.

އެމްއެންޔޫ އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޔުނިވަރސިޓީގެ ދަސްވެނިވުން ފަސްކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ރަސްމިއްޔާތު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ދަރިވަރުންނަށް ދޫކޮށްފައިވާ ގްރެޖުއޭޝަން ގައުންތައް އަނބުރާ ދައްކަން ޖެހޭނީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 11 މާރޗް 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ކަމަށް އެމްއެންޔޫ އިން ބުނެއެވެ. އަދި ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

އެމްއެންޔޫ އިން ބުނީ ދަސްވެނިވާ ދަރިވަރުންގެ ސެޓިފިކެޓް ރަޖިސްޓްރަރ ގެ އޮފީހުން 11 މާރޗް 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިބޭނެ ކަމަށާއި،
ފަސްކުރެވުނު ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަސްވެނިންނަށް ސެޓިިފިކެޓް ލިބިފައިވާ ކަމުގައި ވިއަސް ބައިވެރިވުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި ކުރެއްދޫ ރިސޯޓަށް ޚާއްޞަކޮށްގެން ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް އޮރެންޖަށް މަތިކޮށްފައިވާ ކަމަށާއި، އެއީ އެ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ މުޅި ދުނިޔެއަށް ރީނދޫ ސަމާލު ނެރެފައެވެ. މިއީ ޑަބްލިއު.އެޗް.އޯ ގެ ގައިޑްލައިނުގައި ކަނޑައަޅާފައިވާ 04 ސަމާލު ލެވެލްގެ ތެރެއިން ދެވަނަ އެލާޓް ލެވެލް އެވެ.