English Edition
Dhivehi Edition

ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ ތެރެއިން 50 ހާހަށްވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެއްޖެ އެވެ.

މިހާތަނަށް ދުނިޔޭގެ 98 ޤައުމުން 102،570 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މީގެ ތެރެއިން 57،694 މީހުން ވަނީ މި ބަލިން ރަނގަޅު ވެފައެވެ. ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 6،137 މީހުންގެ ހާލު ސީރިއަސް އެވެ.

ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުން މިހާތަނަށް 3،501 މީހުން މަރުވެފައިވާއިރު އެންމެ ގިނައިން މީހުން މަރުވެފައިވަނީ ވައިރަސް ފުރަތަމަ ފެނުނު ޗައިނާ އިންނެވެ. އިއްޔެ އެކަނިވެސް ދުނިޔޭގެ އެކި ހިސާބުތަކުން 56 މީހަކު ވަނީ މަރުވެފައި އެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުގެ މަސްވިއްކާ މާރުކޭޓަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެނުނު މި ވައިރަހަށް މިހާތަނަށް އެއްވެސް ވެކްސިނެއް އުފެއްދިފައި ނުވާއިރު ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ މި ވައިރަސް ކޮންޓްރޯލް ކުރުމަށް ވެކްސިނެއް އުފައްދަން ފަންޑުކުރަމުންނެވެ.

ދުނިޔޭގެ ސައިންސުވެރިން ބުނަމުން ގެންދަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން 6 މަސް ނަގާނޭ ކަމަށެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.