ދުނިޔޭގައި ކޮވިޑް19ގެ ބިރުވެރިކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކައުންސިލް އިންތިހާބަށް އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު، އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ ކޯލިޝަންގެ ޓީމުތަކުގެ ދަތުރުތައް ކުރުކޮށްލައި، އެނބުރި މާލެ އަންނަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީކަމަށާއި އެ ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގައެވެ.
އެހެންކަމުން ހާމަކަންބޮޑު ގޮތެއްގައި ބައްޔާގުޅޭ މައުލޫމާތާއި، ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށާއި ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ރޭ ބޭއްވި ނިއުސް ބްރީފިންގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ބުނީ، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ސަރުކާރުން އަދި ނިންމާފައި ނެތް ކަމަށެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ލިބޭ މައުލޫމާތުތަކާއި މިހާރު ކުރަމުންދާ ޓެސްޓުތަކުގެ ނަތީޖާ އަށް ބަލައި ހާލަތު ބަދަލުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖެއިން އަދި މިހާތަނަށް ބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ހަ މީހަކު އެކަހެރިކޮށްފައި އެބަތިއްބެވެ.