English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

މިއަދު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން 7 ގަޑިއިރަށް ކަރަންޓު ކަނޑަން ނިންމާފައިވާ ކަަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫސިޓީއަށް ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނީ މިއަދު އައްޑޫއިން ކަރަންޑު ކަނޑަން ނިންމީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދެމުންގެންދާ ސެންޓްރަލް ޕަވަރހައުސްގެ ޕެނަލް އަޕްގްރޭޑް ކުރުމަށާއި އަދި އަލަށް ގެނައި ދެ އިންޖީނު ކަރަންޓުވިއުގަށް ގުޅުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.

ފެނަކައިން ބުނީ އައްޑޫސިޓީ އިން މިއަދު ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:00 އިން ހަވީރު 4:00 އާއި ހަމައަށް ކަމަށެވެ. އަދި ކަރަންޓު ކަނޑާފައިވާ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ފެނަކައިން ބުނެއެވެ.

ރާއްޖޭގައި އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫސިޓީގައި ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތާ އަހަރުތަކެއް ވެފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ފެނަކައިން ވަނީ އައްޑޫސިޓީއަށް ޖަނެރޭޓަރު ހޯދުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ފެނަކައިން ވަނީ ޗައިނާގެ ކުންފުންޏަކާއި ގުޅިގެން އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫއެއް ފަށާފައެވެ.