ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަތުރުވެރިއަކު ވ. ތިނަދޫން ފެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން، މޮނިޓަރ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.
ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ.
— HPA Maldives (@HPA_MV) March 6, 2020
ރާއްޖެއަށް ދަތުރުކުރި މީހަކު ވަނީ މާރިޗު 03 ވަނަ ދުވަހު ދެކުނު އެމެރިކާގެ ޗިލީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިވެއްސަކުވެސް ކޮވިޑް-19 އަށް މޮނިޓަރކޮށް ޓެސްޓު ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ ކޮވިޑް-19 އަށް ނެގެޓިވް ވުމުން ކަރަންޓީނުން ވަނީ ދޫކޮށްލައިފަ އެވެ.
މީގެ އިތުރުން ކޮވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސަކުވެސް އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ. އޭނާ ވަނީ މިހާރު ޓެސްޓުކޮށް މޮނިޓަރ ކުރުމަށްޓަކައި އެކަހެރި ކޮށްފައެވެ.
އެ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެކި ފިޔަވަޅުތައް ޤައުމުތަކުން އަޅަމުން ގެންދާއިރު، އެ ވައިރަސް ވަނީ ދުނިޔޭގެ އެކި ޤައުމު ތަކުން 95،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. ގައިންގަޔަށް އަރާ މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3،280 އަށްވުރެ މައްޗަށް އަރައިފައެވެ.
ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް ކޮންޓްރޯލް ނުވެ މިއަދާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާތީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާތަލުވެސް މީގެ ކުރިން ނެރެފައެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.