English Edition
Dhivehi Edition

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން މާޗް 14 އަދި 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ، ޖުލައި 6 އިން 7 އަށް ފަސްކޮށްފި އެވެ.

މާޕް އިން ބުނީ ދުނިޔެއަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއާއި ބޭރުގެ ސިއްހީ އިދާރާތަކުގެ ލަފާގެ މަތިން މީހުން ގިނައިން އެއްވެއުޅުން މަދުކުރުމަށް މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ކޮންވެންޝަން ފަސްކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭތީ ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންވެންޝަންގެ މައިގަނޑު ތީމްއަކީ “Transformation and Culture – Future of Human Capital” މިއެވެ.

މާޕް އިން ބުނީ މިއަހަރުގެ ކޮންވެންޝަންގައި މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމާއި، ވަޒީފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުރުކުރުމާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ލީޑަރޝިޕް އަދި އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެ އެވެ.

މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދެއްވާނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު 14 ފަރާތަކުންނެވެ. ކީނޯޓް ސްޕީކާސް ތެރޭގައި ގްލޯބަލް ކީނޯޓް ސްޕީކަރ އަދި އެގްޒެކެޓިވް ކޯޗް އޮން ލީޑަރޝިޕް އެންޑްރޫ ބްރެންޓް، ޓްރާންސްފޯމެޝަންލް ކީނޯޓް ސްޕީކަރ ކަރެން ލިއޮންގ، ލީޑަރޝިޕް ސްޕީކްރ އޯތަރ އެންޑް ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓް ކެނެތް ކުއާން، މެނޭޖިން ޕާޓްނަރ އެޓް ކްރޫ ގްލޫ އެންޑް ދަ ޑެއިޒީ ގްރޭ ޕާޓްނަޝިޕް ސާރާ ބެލިންގަރ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 20 ފަރާތަކުން ތީމް އާއި ގުޅޭ ތަފާތު ސެޝަންތައް ނަންގަވައި ދެއްވާނެއެވެ.

މި ކޮންވެންޝަން އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، ހުސައިން އަފީފް ވިދާޅުވީ 2019 ގައި ބޭއްވުނު ކާމިޔާބު އެޗް.އާރު ކޮންވެންޝަންފަދަ އަދި އެއަށްވުރެވެސް ފުރިހަމަ ކޮންވެންޝަންއެއް މިފަހަރު ބޭއްވިގެންދާނެ ކަމުގައެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ސްޕީކާސްތަކެއް ބައިވެރިވާ މި ކޮންވެންޝަންގެ އަގަކީ މިފަދަ އިވެންޓަކަށް ވަރަށް އެކަށޭނަ އަގެއް ކަމަށާއި، ކޮންވެންޝަން ހިނގަމުންދާއިރު އެޗްއާރ ދާއިރާއާއި ގުޅޭ ތަކެއްޗާއި ޚިދްމަތްތައް ދައްކާލެވިގެންދާ އެކްސްޕޯއެއްވެސް ކުރިޔަށްދާނެ ކަމަށްވެސް އަފީފް ވިދާޅުވި އެވެ.

ކޮންވެންޝަންއަށް 300 އަށްވުރެ ގިނަ ފަރާތްތަކުން ރެޖިސްޓަރ ކޮށްފައިވާއިރު އެފަރާތްތަކަށް، މިގެނެވުނު ބަދަލުގެ އެންމެހާ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން އެންގިގެންދާނެ ކަމާއި އިތުރު މައުލޫމާތު މާޕްގެ ވެބްސައިޓްއިންނާއި ފޭސްބުކްޕޭޖް އަދި ހޮޓްލައިން ނަންބަރ 7778035 އިން ދުވަހުންދަވަހަށް ލިބިވަޑައިގަންނަވާނެކަމަށް މާޕްއިން މައުލޫމާތު ދެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާކަމާއި އަދި ޖުލައިމަހު ކޮންވެންޝަން ބޭއްވިގެންދާއިރު މިއަށްވުރެ މާ ފުރިހަމަ ވެގެންދާނެކަމަށާއި ދެއްވާ އެއްބާރުލުމަށް އެންމެހާ ބޭފުޅުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް މާޕްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސް، ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަންލް ސްޕީކަރ ރޮބިންބޭންކްގެ ސެޝަންގެއިތުރުން މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ބޭއްވުނު ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްވެސް މިދިޔަ އަހަރު ބޭއްވިގެންދިޔައެވެ.

2020 ވަނަ އަހަރު ވެގެންދާނީ މާޕްގެ ފަރާތުން ގިނަ އިވެންޓް ތަކެއް ބޭއްވިގެންދާނެ އަހަރަކަށެވެ. އެގޮތުން ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯގެ އިތުރުން ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސާއި ދުނިޔޭގެ މަޝްހޫރު ސްޕީކާސް ކަމުގައިވާ މާޝަލް ގޯލްޑްސްމިތް، ރޮބިން ބޭންކްސް އަދި ރޮންކޮފްމަން ހިމެނެއެވެ. އަދި ކޮންމެ މަހަކުހެން ބާއްވަމުންދާ ނޮލެޖްޝެއާ ސެޝަންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވިގެންދާނެއެވެ.

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2020ގައި އިތުރަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު މާޕްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްއިން އަދިވެސް ލިބިގެންދާނެ ކަމަށާއި، އިތުރު މައުލޫމާތު މާޕްގެ ހޮޓްލައިން ނަންބަރ 7778035 އަށް ގުޅުއްވުމުން ލިބަވަޑައިގަންނަވާނެ ކަމަށް މާޕްއިން މައުލޫމާތު ދެއެވެ.